ރައްޔިތުންގެ މަޖިލިސް

އަލީ ވަހީދު ފުރުވައިލި ގޮތް ބެލުމަށް އެދި މަޖިލީހުގެ އަންހެން މެންބަރުން ހުށަހެޅުއްވި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މީހަކު ރަށުން ފުރައިގެން ދިއުމާއި ގުޅިގެން، އެކަމާބެހޭގޮތުން ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުއްވުމަށް މަޖިލީހުގެ ހަތަރު މެންބަރަކު އެމަނިކުފާނަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

އެއީ އެކަން ހިނގައިދިޔަ ގޮތާމެދު ހިންހަމަނުޖެހިގެން އެކަން ހިނގައިދިޔަ ގޮތް އެނގެން ބޭނުންވެގެން އެ މެންބަރުން ފޮނުއްވާފައިވާ ސިޓީއެއްކަމަށް ވިދާޅުވެ އެކަން ބެލުމަށްޓަކައި އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.