ސްޕެނިޝް ލަލީގާ

ބެންޒެމާއާއި ކްރޫސްގެ ގޯލުތަކުން ރެއާލް އަނެއްކާވެސް ދެވަނައަށް

ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާއާއި ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ޖެހި ގޯލުތަކާއެކު ވެލެންސިއާ ބަލިކޮށް، ރެއާލް މެޑްރިޑުން އަނެއްކާވެސް ލަލީގާ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މެޗުގައި ރެއާލްއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ، 2-0ގެ ނަތީޖާއަކުންނެވެ. މިރޭ ރެއާލް މެޗަށް ނުކުތް އިރު، އެޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ވާދަވެރި ބާސެލޯނާ ރޭ ކުޅުނު މެޗުން މޮޅުވެ، ދެވަނައަށް ޖެހިލާފައި އޮތްއިރު، ބާސާއަށްވުރެ މެޗެއް އިތުރަށް ކުޅެގެން މިވަގުތު ރެއާލް ދެވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓާއެކުގައެވެ.

ބާސާއަށް 22 މެޗުން 46 ޕޮއިންޓް ލިބިފައިވާ އިރު، ބާސާއާއި ރެއާލްއިންވެސް ލީގުގެ އެއްވަނައަށް އަރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިވަގުތު ލަލީގާގައި އެންމެ ފޯމް ރަނގަޅުކޮށް އޮތް އެތުލެޓިކޯ މެޑްރިޑް، 21 މެޗުން 54 ޕޮއިންޓް ހޯދާފައި އޮތްއިރު، ދެވަނައިގައި އޮތް ރެއާލްއާވެސް ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެތުލެޓިކޯ ކުޅެފައިވަނީ ރެއާލްއަށްވުރެ ދެމެޗު މަދުންނެވެ.

ރެއާލްއިން ފުރަތަމަ މިނެޓުން ފެށިގެންވެސް ޑޮމިނޭޓްކޮށް ކުޅެމުން ގޮސް، 12 ވަނަ މިނެޓުގައި ވަނީ ލީޑު ނަގައިފައެވެ. ބެންޒެމާ ސީޒަނުގައި ޖެހި 17 ވަނަ ގޯލާއެކު އެޓީމުން ލީގު ނަގާފައިވާ އިރު، ހާފު ނިމުމުގެ ކުރިން ކްރޫސް ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

ވެލެންސިއާ ދަށްކޮށް ފެނިގެން ދިޔަ މެޗުގައި އެޓީމުގެ ފުރަތަމަ ހަމަލާ ފެނުނީވެސް ދެވަނަ ހާފުގައެވެ. މެކްސީ ރޮޑްރިގޭޒް ދުރުން ފޮނުވާލި ހަމަލާ ރެއާލް ގޯލްކީޕަރު ތިބޯ ކޯޝުއާ ދިފާއުކޮށްފައިވާ އިރު، އެޓީމުގެ ފަރާތުން އިތުރު ނުރައްކާތެރި ހަމަލާތަކެއް ފެނިފައެއް ނުވެއެވެ.

މި ސީޒަނުގައި ރެއާލަށް އަނިޔާގެ މައްސަލަތަކާއެކު އުނދަގޫ މެޗުތަކަކާ ވަނީ ކުރިމަތިވެފައެވެ. ތިންވަނަ ޑިވިޝަންގެ ކްލަބެއް އަތުން ކޮޕާ ޑެލްރޭއިން ކަޓައި، ޗެމްޕިއަންސް ލީގުގައިވެސް އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ކޯޗު ޒައިނުއްދީން ޒިދާނަށް ޕްރެޝަރާ ކުރިމަތިވެފައިވާ އިރު، އޭނާ ބޭރުކޮށްލަން ރެއާލުގެ މެނޭޖުމަންޓުން ވިސްނާފައިވާކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ބުނެފައެވެ.