ޖިންސީ އަނިޔާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރައިގެންދިޔަ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވަނީ ބޭޒާރުވެ ފަލީހަތްވެފައި ކަމަށް ކުރީގެ ނާއިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ބެހޭގޮތުން މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ޖަމީލު ވިދާޅުވީ، އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިޔައީ ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ކަމަށެވެ.
"ރާއްޖޭގައި މިއަދު ހުންނެވި ޕީޖީއަކީ އަޅުގަނޑު ދަންނަވާނީ ހަމަ ވަަރަށް ރީއްޗަށް ބޭޒާރުވެ، ފަލީހަތްވެފައި ހުރި ބޭފުޅެކޭ، މިއަދާ ހަމައަށް ވަރަށް ގިނަ ކަންތައްތަކެއް ފޮރުވައިގެން ތިމަންނައަކީ، ވަރަށް ރޫލް އޮފް ލޯ އާއި ތައައްސަބެއް ނެތި ބައިއެސްއެއް ނެތި، ޓުވީޓު ކުރުމާއި ބްރޯޑްކާސްޓް ކުރުމާއި ޖޮގިން ކުރުމާއި ސޯޓުބުރިލައިގެން މަގުމަތީގައި އުޅުމާއި މިކަހަލަ ވަރަށްގިނަ ކަންތައްތަކުން ވަރަށް ރައްޔިތުންނާ އެޕްރޯޗަބަލް، ރައްޔިތުންނާ ހަމައަށް ބިންމަތީގައި ހުރި ބޭފުޅެއްކަމަށް ދެކިގެން އުޅޭ ބޭފުޅެއް،" ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ޕީޖީގެ އަމަލުތަކަށް ބަލާ އިރު، ވަކި ބަޔަކާ ޖެހުމުން ގާނޫނު ހުއްޓުވާފައި، އަނެއް ބަޔަކާ ޖެހުމުން ހަންޖަރު ބޭނުންކޮށްގެން ޒާތީގޮތުން މަސައްކަތްކުރާ ތަން ފެންނަ ކަމަށެވެ.
އެގޮތުން އަލީ ވަހީދުގެ މައްސަލައިގައި ޕީޖީ ވާހަކަ ދައްކަަނީ، ދިވެހިންނަކީ އެއްޗެއް ނޭނގޭ ޖާހިލުންގެ ގޮތުގައި ސިފަކޮށްގެން ކަމަށް ވިދާޅުވިއެވެ.
"އެންމެފަހުން ފެނިގެން މިދިޔަ މައްސަލައަކީ އަލީ ވަހީދުގެ މައްސަލަ، ބައްލަވާ ދައްކަވާ ވާހަކަތައް. ދިވެހިރާއްޖޭގައި ތިބި އެންމެންނަކީ އިގްރޯނެންޓް، ޖާހިލު، އެއްޗެއް ނޭނގޭ ބައެއްގެ ގޮތުގައި ހަގީގަތުގައި ޕީޖީ އެ ސިފަކުރައްވަނީ،" ޖަމީލު ވިދާޅުވިއެެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއިން ރައީސް ޔާމީން ދިފާއު ވެވަޑައިގެންނެވުމަށް ބޭނުންވާ މުހިއްމު ބައެއް ލިޔެކިޔުންތައް ދައުލަތުން ހިފާއްޓާފައިވާކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، ދައުލަތުން އިއުތިރާޒު ކުރާތީ ކޯޓު މެދުވެރިކޮށް ލިބެންޖެހޭ ލިޔުމެއް ނުލިބިގެން އުޅޭއިރު، އަލީ ވަހީދު އުދުހިގެން އެދިޔައީ ދައުލަތުގެ ހުރިހާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
އެކަންކަމަކީ އިންތިޒާމުވެގެން ރޭވިގެން ކުރިއަށްދާ ކަންތައްތައް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ ހޯދަންވާ ލިޔުމެއް ނުލިބިގެން ދައުލަތުން އިއުތިރާޒު ކުރާތީ، ދިފާއަށް ލިބެންޖެހޭ ލިއުމެއް ނުލިބިގެން، އަލީ ވަހީދު އެދިޔައީ ބޫންލާފައި އުދުއްސައިގެން ހުރިހާ ނިޒާމެއްގެ ތެރެއިން، ދައުލަތުގެ ޕްރޮސިކިއުޓާ ހުންނަވާނެ ކޯޓުގައި،" ޑރ. ޖަމީލު ވިދާޅުވިއެވެ.
ޖަމީލު މިހެން ވިދާޅުވެފައިވާ އިރު، އަލީ ވަހީދު ފުރައިގެންދިޔަ މައްސަލަ ޕީޖީގެ ފަރާތުން މިއަދު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު