ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް، ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގައި، މއ. މާރަނގަ ހަސަން ފައިޒަންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަލުން ބެލުމަށް އަންގައި ހައިކޯޓުން ކުރިމިނަލް ކޯޓަށް އެ މައްސަލަ ތަހުވީލު ކޮށްފިއެވެ.
މި މައްސަލައަކީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް، 06 ނޮވެމްބަރު 2017 ގައި ފައިޒަން ރާއްޖޭން ފުރައިގެން، ތުރުކީއަށްގޮސް، ތުރުކީގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެ ގައުމުގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކޮށް ރާއްޖެއަށް އަނބުރާ ފޮނުވާލާފައިވާކަމަށް ބުނެ ދައުލަތުން ހުށަހެޅި ދައުވާއެކެވެ.
މި މައްސަލަ ދައުލަތުން ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ.
އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ، އެ ދައުވާގެ އިބްތިދާއީ މަރުހަލާގައި ފައިޒަން ދައުވާއަށް އިންކާރު ކޮށްފައި ވާތީ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަަޅާފައިވާ ހެކިންގެ ނިސްބަތަށް ބަލާއިރު އެ ދައުވާއަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.
އެހެންކަމުން އެ ދައުވާ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދައުވާ ބާތިލުކުރީ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އެ މައްސަލައަކީ މައުލޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫނުް ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލު ކުރާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައަކީ ކުރިމިނަލް ކޯޓުން ބަލައި މައްސަލައިގެ މައުލޫއުގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ޖެހޭ މައްސަލައެެއް ކަމުގައި ކަނޑައަޅައި އެ މައްސަލައިގެ މައުލޫއުގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ކުރުމަށްޓަކައި އެ ގަޒިއްޔާ ކުރިމިނަލް ކޯޓަަށް ތަހުވީލުކޮށް ހުކުމްކުރާ ކަމަށްވެސް ހައިކޯޓުގެ ހުކުމުހައި ބުނެފައިވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު