އައްޑޫ ސިޓީ މޮނިޓަރިން ހާލަތަށް ގެނައުމައި ގުޅިގެން އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ފަރާތްތަކަށް ގުޅައި ބޭނުންވާ އެހީތެރިކަން ދެނެގަނެ "ކެއާ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުން އަންނަ ކަމަށާއި އެ ގޮތުން ގާތްގަނޑަކަށް 50 ކެއާ ޕެކޭޖަސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ ފުވައްމުލައް ސިޓީ މޮނިޓަރިން ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު