ރައްޔިތުންގެ މަޖިލިސް

ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވާތީ މިނިސްޓަރާ މާދަމާ ސުވާލު ކުރަނީ

އިބްރާހިމް ޒަކީ

ށ. ފޭދޫ އާއި ބިލެތްފައްސާއި، ގޮއިދޫގެ އިތުރުން ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އާ ސުވާލު ކުރަން ހަމަޖައްސައިފިއެވެ.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާގޮތުން، އެ މައްސަލައިގައި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އާ ސުވާލު ކުރައްވާނީ ކަނޑީތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމު އަބުދުލް ހަކީމެވެ.

މިނިސްޓަރާ ސުވާލު ކުރުމުގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ހުށަހަޅުއްވާ ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުގެ ބިލު މަޖިލީހަށް ތައާރަފު ކުރުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން ޒުވާނުންނަށް ފަސޭހަކަމާއެކު މާލޭގައި މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާ ކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއުރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާގައިވާ ގަރާރުގެ ބަހުސާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާ ގޮތަށް، ރައްޔިތުންނަށް ގެއްލުންވަމުންދާމަގުން، ކަންތައްތައް ކޮށްފައިވާ މައްސަލއިގެ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.