ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާ އެކު ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެއް ކަމަށެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައި ފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު