ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮތުމާއެކު އެކަމުގެ ސަބަބުން ކްލަބުތަކާއި ކުޅުންތެރިންނަށް ދިމާވާ ދަތިތައް ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކުރުމަށް ހާއްސަ ސިޓީއެއް ފޮނުވައި، ރައީސާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަކަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން އެދިއްޖެއެވެ.

ރައީސަށް ހާއްސަ ސިޓީއެއް ފޮނުވައި އެޕޮއިންޓްމަންޓަކަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން އެދުނުކަން "ވަން" އަށް ޔަގީންކޮށްދެމުން ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ އޮފިޝަލަކު ވިދާޅުވީ ލީގާއި ތަމްރީނުތައް މެދުކަނޑާލާފައި އޮތުމުން ކުޅުންތެރިންނަށް ދިމާވާ ދަތިތައް ރައީސާ ހިއްސާ ކުރުމަށް ކްލަބުތަކުން ރައީސާ ބައްދަލުކުރަން ބޭނުންވާ ކަމަށެވެ. މިވަގުތު ވެކްސިން ޖަހައިގެން ނަމަވެސް ލީގު ފެށޭނެ ގޮތެއް ކްލަބުތަކަށް ބޭނުންވާ ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައީއެވެ. ދިވެހި ޕްރިމިއާ ލީގު އެކަންޏެއް ނޫނެވެ، ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ދިޔައީއެވެ. މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވައެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށްފައެވެ.

ހުރިހާ ކްލަބުތަކެއް ބޭއްވި ޕްރެސްގައިވެސް ކްލަބުތަކުގެ ފަރާތުން ރައީސާ ހަމައަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކްލަބުތަކުގެ ފަރާތުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު (ވައްކޭ) އެދުވަހު ޕްރެސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ތައްޔާރަށް ތިއްބެވިކަމަށް ފާހަގަކުރައްވައި ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ފުޓުބޯޅަ އަލުން އަނބުރާ ފެށުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވަމުން ގެންދަވާ މަސައްކަތަކަށް ކްލަބުތަކުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ކްލަބުތަކުގެ ޝަކުވާއަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ބުނެފައި ވަނީ މިހާލަތުގައި އެއްވެސް ކުޅިވަރަކަށް ފުރުސަތު ދެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި، ކޭސްތައް ހުރި މިންވަރުން ފުޓުބޯޅައަށްވެސް ފުރުސަތު ދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.