އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، ދަ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ޖޯޑަން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރިންސް އަލީ ބިން ހުސައިންގެ މައްސަލައެއް ބަލަން ނިންމައިފިއެވެ.

ޕްރިންސް އަލީގެ މައްސަލައެއް ބަލަން އޭއެފްސީން ނިންމީ، ސިޔާސީ ބޭނުމަށްޓަކައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޭއެފްސީގެ ކޮންގްރެސް ހައިޖެކް ކުރި ކަމަށް ވިދާޅުވުމުންނެވެ.

ދާދިފަހުން ޓޯކިޔޯގައި ބޭއްވި އޭއެފްސީގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް-ހަލީފާ ވަނީ ކުރިއަށް އޮތް ދައުރުވެސް ފީފާގެ ރައީސް ކަމަށް އިންފަންޓީނޯއަށް އޭއެފްސީން ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ. އޭޝިއާއިން އަނެއްކާވެސް އިންފަންޓީނޯއަށް ތާއީދުކުރަން ނިންމާފައި ވަނީ މީގެ ތިން މަސް ކުރިން ވަރަށް ބޮޑަށް ފާޑުވެސް ކިޔުމަށްފަހުއެވެ.

ފީފާގެ ފަރާތުން އިންފަންޓީނޯ އިއުލާނުކުރެއްވި ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ) ފެއިލްވެގެން ދިޔަ އިރު، އެ ޕްރޮޖެކްޓާ ގުޅިގެން އޭއެފްސީންވެސް ބުނީ ފީފާއަށް އިތުބާރު ގެއްލިއްޖެ ކަމަށެވެ. އެހެން ނަމަވެސް މިހާރު އޭއެފްސީން ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ.

ކޮންގްރެސްއާ ގުޅިގެން ޖޯޑަން އެފްއޭ ރައީސް ޕްރިންސް އަލީ ވިދާޅުވީ އެ ކޮންގްރެސްގައި މެމްބަރު ގައުމަކަށް އެއްވެސް ސުވާލެއް ކުރަން، ބަހުސެއް ކުރަން ހިޔާލެއް ފާޅުކުރަންވެސް ފުރުސަތު ނުދޭ ކަމަށެވެ. އަދި އެ ކޮންގްރެސްއަކީ އިންފަންޓީނޯ ހައިޖެކް ކޮށްފައިވާ ސިޔާސީ ކުޅިގަނޑެއް ކަމަށް ޕްރިންސް އަލީ ވިދާޅުވިއެވެ.

ޕްރިންސް އަލީއަށް ރައްދުދެމުން އޭއެފްސީން ބުނީ ކޮންގްރެސްގައި ހިޔާލުފާޅުކުރުމުގެ ފުރުސަތަކަށް އެއްވެސް މެމްބަރު ގައުމަކުން އެދިފައި ނުވާ ކަމަށެވެ. އަދި އޭއެފްސީން ރިޝްވަތު ހިފައި، އުސޫލާ ހިލާފު ކަންކަން ކުރި ކަމަށް ތުހުމަތުކުރުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އެ މައްސަލަ ގާނޫނީ ޓީމުތަކަށް ހުށަހަޅާނެ ކަމަށްވެސް އޭއެފްސީން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ޕްރިންސް އަލީ ވަނީ އިންފަންޓީނޯއަށް އޭއެފްސީއަށް ބްލެކްމެއިލް ކުރާ ކަމަށް ތުހުމަތުތަކެއް ކޮށްފައެވެ.