ހުޅުމާލޭ ޔޫތު މޫވްމަންޓުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެޗްވައިއެމް ޔުނިޓީ ވެޓެރަންސް ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުތަކުން ކްލަބު އެޗްޑީސީއާއި ސްޓެލްކޯ އަދި އެމްއޭސީއެލް މޮޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ފެށި ޔުނިޓީ ވެޓެރަންސް ފުޓްސަލް ޗެލެންޖްގައި 13 ޓީމަކުން ވާދަކުރަމުން ދެއެވެ. 13 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ކްލަބު އެޗްޑީސީ، ފެލިދޫ ސްޕޯޓްސް، ކެލާ އެފްސީ، ޕޮލިސް ކްލަބު އަދި ކްލަބު އެމްއެމްއޭއެވެ.

ގްރޫޕް ބީގައި ސްޓެލްކޯއާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ވިލުނޫ އަދި ކްލަބު ސީވީސީ ހިމެނޭ އިރު، ގްރޫޕް ސީގައި ހިމެނެނީ އެމްއޭސީއެލްއާއި މޯލްޑިވިއަން، ނަލަ ޓެކްސީ އަދި އެމްއެންޔޫއެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި އެޗްޑީސީން އެމްއެމްއޭ ބަލިކުރީ 12-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެޗްޑީސީގެ ހުސައިން ސިމާޒް ހަ ގޯލް ޖެހި އިރު، އަބްދުﷲ ޝުޖާއުއާއި ރަމީޒް މުސްތަފާ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އަނެއް ގޯލްތައް ޖެހީ ފަރުހާދު އިސްމާއީލްއާއި އަހުމަދު އުސްމާނެވެ.

ގްރޫޕް ބީގައި ސްޓެލްކޯއިން ސީވީސީ ކައިރިން 7-1 އިން މޮޅުވި އިރު، ސްޓެލްކޯގެ އަހުމަދު ނާޝިދު ވަނީ ދެ ގޯލް މެޗުގައި ޖަހައިފައެވެ. އޭގެ އިތުރުން މުހައްމަދު ޝަރީފާއި މުހައްމަދު އިކްރާމް އަދި އަހުމަދު ޔާމީނާއި އަބްދުﷲ މުހައްމަދުވެސް ގޯލްތައް ޖެހި އިރު، ހުސައިން ޝަމީން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ. ސީވީސީގެ ގޯލް ޖެހީ އަހުމަދު މައުސޫމެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުގައިވެސް ގިނަ ގޯލްތަކެއް ފެނިގެން ގޮސްފައިވާ އިރު، 14-3 އިން އެމްއޭސީއެލްއިން ވަނީ އެމްއެންޔޫ ބަލިކޮށްފައެވެ. މެޗުގައި އެމްއޭސީއެލްގެ ސައްޔާހް އައްބާސް ފަސް ގޯލް، އިސްމާއީލް މުހައްމަދު ހަތަރު ގޯލް، އިބްރާހީމް ހަސަން ދެ ގޯލް ޖެހިއެވެ. އޭގެ އިތުރުން އެމްއޭސީއެލްގެ މުހައްމަދު ހައިޝަން ނަޖީބު، އަހުމަދު ރަޝީދު، އަބްދުﷲ ނާސިފްވެސް ގޯލް ޖެހިއެވެ.

އެމްއެންޔޫފެ ސައީދު އަތުހަރު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ އަހުމަދު ފާރިޒް ނިޒާރެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.

މުބާރާތް ރޭ ފެށިގެން ދިޔައީ ކުލަގަދަ އިވެންޓަކާއެކުގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ.