އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ، އެޓީމަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 24 މެޗުން 46 ޕޮއިންޓް ލިބިފައިވެއެވެ. އެންމެފަހުން ސިޓީން ކުޅުނު 15 މެޗުންވެސް އެޓީމު މޮޅުވެފައިވާއިރު، އެ ކްލަބަކީ މިހާރު އިނގެރޭސި ޓޮޕް ޑިވިޝަންގެ ތާރީހުގައިވެސް ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެފައިވާ ޓީމެވެ. އެންމެފަހުން ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުގައި ސިޓީ ކޮޅަށް ގޯލެއްވެސް ވަދެފައެއް ނުވެއެވެ.

ރޭގެ މެޗުގައި ކުރީކޮޅުގައި ހެރީ ކޭން ޖެހި ހިލޭ ޖެހުމެއް ސިޓީ ގޯލްގެ ދަނޑިއަށް އަމާޒުވި ނަމަވެސް، މެޗު އެކީއެކައްޗަކަށް ޑޮމިނޭޓްކޮށް، ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ސިޓީންނެވެ. ސިޓީ ސްޓައިލްގައި އެޓީމުން ވަރުގަދަ ކުޅުމެއްް ދައްކާފައިވާއިރު، ފުރަތަމަ ހާފް ނިންމާލީ 1-0 ގެ ނަތީޖާއަކުން ލީޑުގައި އޮވެގެންނެވެ.

ޕިއާ އެމީލް ހޮއިބިއާގް އޭރިއާ ތެރެއިން އިލްކޭ ގުންޑޮގަންއަށް ފައުލް ކުރިކަމަށް ނިންމައި ރެފްރީ ދިން ޕެނެލްޓީއާއެކު ސިޓީއަށް ލީޑު ނަގައިދިނީ ރޮޑްރީއެވެ.

މި ސީޒަންގެ ފުރަތަމަ ބައިގައި ޓޮޓެންހަމްއިން ސިޓީ ބަލިކޮށްފައިވާއިރު، ސިޓީ އެންމެފަހުން ބަލިވެފައި ވަނީވެސް އެ މެޗުންނެވެ. ޓޮޓެންހަމްގެ ދަނޑުގައި ޖޯސޭ މޮރީނިއޯ ޕެޕް ގާޑިއޯލާގެ މައްޗަށް ކުރި ހޯދީ ކައުންޓާ އެޓޭކިން ފުޓުބޯޅައެއް ކުޅެގެންނެވެ. ރޭގެ މެޗަށްވެސް މޮރީނިއޯ ނުކުތީ ހަމަ އެ ސްޓައިލަށް ކުޅެން ނަމަވެސް، އޭނާގެ ޓެކްޓިކަލް ވިސްނުމުގެ މައްޗަށް ގާޑިއޯލާ ވަނީ ކުރި ހޯދާފައެވެ.

ދެވަނަ ހާފަށް ނުކުމެ ގުންޑޮގަން ޖެހި ދެ ގޯލާއެކު ސިޓީން ލީޑު ފުޅާކޮށްފައިވާއިރު، ގުންޑޮގަންގެ ދެވަނަ ގޯލަށް އެސިސްޓް ކޮށްފައި ވަނީ ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ. އެ ގޯލަކީ މިހާތަނަށް ސީޒަންގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލްވެސް މެއެވެ.