މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.
އިދިކޮޅުން މިރޭ މުޒާހަރާ ބާއްވާފައިވާ އިރު، ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދުން ފެށިގެން އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން އިދިކޮޅުން މިރޭ ފެށި މުޒާހަރާ ފުލުހުން ރޫޅާލީ، އެ މުޒާހަރާއަކީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދިނުމަށް ފަހުއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު "ވަން" އަށް މިރޭ ވިދާޅުވީ، އެ މުޒާހަރާއަކީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދިހަ މީހުންނަށްވުރެ ގިނަ ނުވާނެ ގޮތުގެ މަތިން ޓީމުތަކަށް ބަހާލައިގެން އިންތިޒާމު ކުރި މުޒާހަރާއެއް ކަމަށެވެ.
އެ މުޒާހަރާގައި އިދިކޮޅުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހައްޔަރުކުރުމަށް ގޮވާލައިފައެވެ. އަދި އިންސާފު ހޯދައިދިނުމަށްވެސް ގޮވާލައިފައިވެއެވެ.
ހީނާ ވިދާޅުވީ، ކުރިއަށް އޮތް ތާނގައިވެސް މުޒާހަރާތައް އޮންނާނެ ކަމަށާއި އިދިކޮޅުން މުޒާހަރާތައް ބާއްވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
މިރޭގެ މުޒާހަރާއިން ތިން މީހަކު ހައްޔަރުކުރި އިރު، އެމީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު