އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފެއްދި ކޮވިޑް ވެކްސިން، ފުރަތަމަ ފަހަރަށް ކުޑަކުދިން ބޭނުންކޮށްގެން ޓެސްޓުކުރަން ނިންމައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޓެސްޓުތައް ހެދުމަށް ނިންމާފައިވަނީ އުމުރުން ހަ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ބޭނުންކޮށްގެން ކަމަށެވެ.

ފުރަތަމަ ޓެސްޓުތަކަށް ގާތްގަނޑަކަށް ވޮލަންޓިއާ ކުރާ 300 ކުއްޖަކު ބޭނުންކުރާނެ ކަމަށާއި ފުރަތަމަ ޓެސްޓުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައި ކަމަށް އޮސްފޯޑުން ބުންޏެވެ. މިހާރު އެ ވެކްސިން ދެމުން އަންނަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

އެސްޓްރެޒެނެކާ ވެކްސިން ވެގެންގޮސްފައިވަނީ ކާމިޔާބު ކޮވިޑު ވެކްސިނަކަށެވެ. އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ނިންމައި، އެ ވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ އިރުޝާދުދީފައެވެ.

ރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިނަކީ ވެސް އޮކްސްފޯޑާއި އެސްޓްރެޒެނެކާ އިން އުފައްދާ ވެކްސިނެކެވެ. ކޮވިޝީލްޑް އުފެއްދުމުގެ މަސައްކަތްކުރަނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުންނެވެ. ނަމަވެސް އެސްޓްރެޒެނެކާ ވެކްސިނާއި ކޮވިޝީލްޑް އުފައްދަނީ އެއް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ.