ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އަށް އަމާޒުކޮށް ދިވެއްސަކު ކޮށްފައިވާ ޓުވީޓަކާ ގުޅިގެން ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބަދުﷲ، އެ ދެކުޅުންތެރިންގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ.

ދިވެއްސެއްގެ ޓުވިޓާ އެކައުންޓަކުން، އެކުޅުންތެރިންނަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއްތޯ ސުވާލު އުފެއްދުމުގެ އިތުރުން، އެ ކުޅުންތެރިންގެ ޓީމު ބަލިވެއްޖެ ނަމަ، ދަނޑުވެސް ގޮއްވާލާފާނެ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ކްލަބުތަކާއި ރާއްޖޭގެ އެކިއެކި ރައްޔިތުން ދަގަނޑޭއާއި އަކޫގެ ދިފާއުގައި ނުކުމެފައިވާ އިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން އެފްއޭއެމްއާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ ކުޅުންތެރިންގެ ދިފާއުގައި ނުކުމެފައެވެ.

އެކަމުގައި ކުޅުންތެރިން ދިފާއުކޮށް، މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅިވަރަކީ އެންމެ ބޮޑަށް އެއްބައިވަންތަކުރުވާ އެއް ވަސީލަތް ކަމަށާއި، ވަކިން ހާއްސަކޮށް ފުޓުބޯޅައަކީ ގައުމުގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމަށެވެ. ގައުމަށް ތަށި ހޯދައިދީފައިވާ، ގައުމު އެބަޔަކަށްޓަކައި ފަހުރުވެރިވާ ފުޓުބޯޅަ ލެޖެންޑުންނަށް ފުރައްސާކުރުމަކީ ދެރަ ކަމެއް ކަމަށާއި، މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.

ދަގަނޑޭއާއި އަކޫގެ ތުނބުޅިއަށް ފާޑުކިޔައި، އެ ކުޅުންތެރިންނަކީ ނިރުބަވެރިންގެ ގޮތުގައި ސިފަކޮށްފައިވާ ޓުވީޓާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަމުންދާ އިރު، އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ކުޅުންތެރިންނާ މެދު އެފަދަ ނާތަހުޒީބު އިލްޒާމުތައް އަޅުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން ގިނަ ބަޔަކު ވަނީ އެދިފައެވެ.