މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ދޮރުންދޮރަށް ކެމްޕޭން ކުރައްވަން ފައްޓަވައިފިއެވެ.

ދޮރުންދޮރަށް ކެމްޕޭން ކުރަން ފެށުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މާލޭގެ ގިނަ ރައްޔިތުން އޭނާއާ ބައްދަލުކުރަން އެދޭ ކަމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން އަޑުއެހުމަށް ވީހާވެސް ގިނަ ގެއަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

"ވަރަށް ގިނަ ރައްޔިތުން އެދޭ އަޅުގަނޑާ ބައްދަލުކުރަން. އެހެންކަމުން ރާވާލައިގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ވަގުތެއް އެކަމަށް ހޭދަކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވީހާވެސް ގިނަ ގެތަކަށް ޒިޔާރަތްކުރައްވާނެ ކަމަށާއި ގެތަކަށް ޒިޔާރަތްކުރައްވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

"ދެމީހުންނަށް ވުރެ ގިނައިން ގޭތެރެއަށް ނުވަދެވޭނެ ކަމަށް މިއޮތީ. އެހެންކަމުން އެގޮތަށް އަޅުގަނޑުގެ ކެމްޕޭންގެ ކަންކަންވެސް ކުރިއަށްގެންދާނީ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، މާލޭ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް މި ސަރުކާރަށް ހައްލެއް ގެނެސްދެވިފައި ނުވާ ކަމަށެވެ.

ޑރ. މުއިއްޒު، ދޮރުންދޮރަށް ކެމްޕޭން ކުރަން ފައްޓަވާފައިވާއިވާ އިރު، އޭނާގެ އަރިހުގައި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ވެސް މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރުކުމާ ވިދާޅުވީ، ޑރ. މުއިއްޒަކީ ނަތީޖާ ނެރެދީ، ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށާއި ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމެވި މައިގަނޑު ސަބަބަކީވެސް އެއީ ކަމަށެވެ.

"މާލޭ ރައްޔިތުންނަށް ރަނގަޅުގޮތެއް ވުމުގެ ތަސައްވަރެއް ގެންގުޅެނީ މުއިއްޒު. މީގެ ކުރިންވެސް މުއިއްޒު ވަނީ އެކަން ދައްކައިދީފައި،" ރުކުމާ ވިދާޅުވިއެވެ.

މީގެ އިތުރުން ރުކުމާ ވިދާޅުވީ، މުއިއްޒަށް މާލޭގެ މޭޔަރުކަން ލިބިއްޖެނަމަ ދައުލަތުގެ ފައިސާގައި ނުޖެހި، ސިޓީ ކައުންސިލުގެ އަމިއްލަ ފައިސާއިން މާލެ ތަރައްގީކޮށްދެއްވާނެ ކަމަށާއި މުއިއްޒުގެ ކިބައިގައި އެ ގާބިލުކަން އެބަހުރި ކަމަށެވެ.