ދިވެހި ސީނިއާ ބައެއް ފުޓުބޯޅަ ކުޅުންތެރިންގެ ޒާތީ ބައެއް ކަންކަމަށް ފާޑުކިޔައި، އެ ކުޅުންތެރިން ފެންނަނީ ސީރިއާއަށް ހަނގުރާމައަށް ދާ ފަދަ މީހުންގެ ގޮތަކަށް ކަމަށް ބުނެ، މީސް މީޑިއާގައި އިއްޔެ ދައުރުވެގެން ދިޔަ ވާހަކަތައް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)ގެ ތުނބުޅިއަށް ނިސްބަތްކޮށް، ދިވެއްސެއްގެ ޓުވިޓާ އެކައުންޓަކުން، އެކުޅުންތެރިންނަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއްތޯ ސުވާލު އުފައްދުމުގެ އިތުރުން، އެ ކުޅުންތެރިންގެ ޓީމު ބަލިވެއްޖެ ނަމަ، ދަނޑުވެސް ގޮއްވާލާފާނެ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ.

އެ ވާހަކަތަކާއެކު ދިވެހީންގެ ލޭ ކައްކުވާލަފައި އޮއްވައި އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމްގެ އިތުރުން ފީފާގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުން އަންނަ ކުޅުންތެރިން ކަމަށެވެ. އޭގެ އިތުރުން ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި، މާތް ވެގެންވާ އިސްލާމް ދީނުގެ ހަމަތައް ހިފެހެއްޓުމުގައިވެސް ނަމޫނާ ދައްކާ ކުޅުންތެރިން ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

އެފްއޭއެމުން ބުނެފައިވަނީ ދިވެހި ކުޅުންތެރިންނަކީ ހަނގުރާމަވެރި ސީރިއާގެ ޖަމާއަތްތަކާއެކު ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެ ކުޅުންތެރިންނަކީ އެފަދަ އެއްވެސް ގައިރު ގާނޫނީ ކަމެއްގައި ޝާމިލުވާނެ ބައެއްކަން އެއްވެސް ގޮތަކުން އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް މީސް މީޑިއާގައި އާންމުވުމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާގެ އިތުރުން ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކަށް އަގުނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުންދާ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

އެފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގޮތުން ކުރިއަރައިގެން ދިޔުމަށް ދިވެހިރާއްޖެއަށް ގިނަ ހުރަސްތަކެއް ކުރިމަތިވެގެންދާނެ ފަދަ ވާހަކައެއް ކަމަށާއި، އެ ވާހަކަތަކަކީ ގައުމުގެ ތެރޭގައި ބައިބައިވުމާއެކު ފިތުނަ ފަސާދައަށް ފުރުސަތު ލިބޭނެ ވާހަކަތައް ކަމަށްވެސް އެފްއޭއެމްއިން ފާހަގަކޮށްފައިވެއެވެ.

އެފްއޭއެމްއިން އިތުރަށް ބުނީ އެފަދަ ވާހަކަތަކަކީ ކުދި ކަންކަމުގެ ގޮތުގައި ނުބަލާ އެފަދަ ފަރާތްތަކުގެ ވާހަކަތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކުން އެދޭ ކަމަށާއި ކުޅުންތެރިންނާ ގުޅިގެން ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ދައްކާނަމަ، އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.