ދިގު މުއްދަތަކަށް ބޭސްކުރަމުން އަންނަ 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް މިއަދު ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް 18 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަމުން އަންނަ މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.
އެގޮތުން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގެ އިތުރުން ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ.
- ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން
- ހަކުރު ބަލި ހުންނަ މީހުން
- ހިތުގެ ބަލިތައް ހުންނަ މީހުން
- ސްޓްރޯކެއް ޖެހިފައިވާ މީހުން
- އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީއެމްއައި 40 އިން މަތި މީހުން)
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން
- ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލި މީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލުކުރަމުންދާ މީހުން
- ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން
- އެނދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުން
- މީގެ އިތުރުންވެސް، އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން
އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހަން އަންނަ އިރު، ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން ބޭސް ސިޓީ ގެންނަންވާނެ ކަމަށެވެ.
މިހާތަނަށް ވެކްސިން ޖެހި ޖުމުލަ 27،367 މީހުންގެ ތެރެއިން 22،456 މީހަކު މާލެއިން ވެކްސިން ޖަހާފައިވާ އިރު، 4،911 މީހަކު ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު