މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއަށް މިއަދު އެކަނިވެސް 4،700 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާއި އެއީ މިއަހަރުގެ ރެކޯޑެއް ކަމަށެވެ. އަދި ވެކްސިނޭޝަން ޕްރޮގުރާމު ރާއްޖޭގައި މިހާރު ފަށައިގެން ކުރިއަށްދާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުތުރުވަމުން ދިއުމަކީ އުފާވެރި މަންޒަރެއް ކަމަށް ވިދާޅުވި އެވެ.

"ވަރަށް އުންމީދީ ނަންބަރުތަކެއް އަޅުގަނޑުމެންނަށް މި ފެންނަނީ. މިއަހަރަށް ފަތުރުވެރިކަމަށް ކުރެވޭ އުންމީދު ބޮޑު،" މިނިސްޓަރު ވިދާޅުވިއެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް 37،000 ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 2،959 ފަތުރުވެރިން އަންނަ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަހު މަޑުކުރާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ރާއްޖެއަށް ޖުމުލަ 130،000 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 28 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.