ގއ. މާމެންދޫ ސްކޫލާއި ރ. އަނގޮޅިތީމު ސްކޫލު ތަރައްގީ ކުރުމަށްޓަކައި ޖަޕާނުން 2.7 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

ޖަޕާންސް ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)ގެ ދަށުން ޖަޕާން ސަރުކާރުން ދިން މި އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި މާމެންދޫ ސްކޫލުގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ވާޗުއަލްކޮށް ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އާޒިމް އަބްދުﷲ އެވެ. އަނގޮޅިތީމު ސްކޫލުގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް، އަހުމަދު އަބްދުﷲ އެވެ. ދެ އެއްބަސްވުމުގައި ވެސް ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ޔަނާއީ ކެއިކޯ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސްކޫލުތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް ޖަޕާނުން ވަނީ ރާއްޖޭގެ ސްކޫލުތައް ތަރައްގީ ކުރުމަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފަ އެވެ.