މިމަހުގެ މިހާތަނަށް ރާއްޖެއަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 29،591 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އިއްޔެގެ އަދަދުތަކާއެކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 30،000 އަށްވުރެ އިތުރެވެ.

މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 2،959 ފަތުރުވެރިން އަންނަ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަހު މަޑުކުރާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޖުމުލަ 121،694 ފަތުރުވެރިން އައިސްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އެގައުމުން އެކަނިވެސް 27،041 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ 22 ޕަސަންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 26،292 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 28 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.