ޚަބަރު

ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފި

އަލީ ޔާމިން

ކޮވިޑް ފެތުރޭތީ، ފުވައްމުލަކު ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ފުވައްމުލަކު ސިޓީގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ އަސުރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އެ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް އަންގާ ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް ގިނަގިނައިން ދުއާކޮށް އިސްތިގުފާރުކުރުމަށް ހުރިހާ ރައްޔިތުންނަށްވެސް ވަސިއްޔަތް ކުރަމެވެ." މިނިސްޓްރީން ބުންޏެވެ.

ދުބާއީ އިން ރާއްޖެ އައިސް، ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެމީހާގެ ކޮންޓެކްޓެއް ޕޮޒިޓީވްވުމާ ގުޅިގެން އެ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ލައިފައެވެ. އެމީހާ ޕޮޒިޓިވްވުމުން އެރަށުގައި ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިންނާއި އެމީހާގެ ކޮންޓެކްޓުންގެ ތެރެއިން ނެގި ސާމްޕަލްތަކުން ބަޔަކު ޕޮޮޒިޓިވްވެ، އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރައިފައެވެ.

ފުވައްމުލަކު ސިޓީން ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަށް އެއްގެއިން އަނެއްގެއަށް ނުދިއުމަށާއި ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފައެވެ. އަދި އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގައިފައެވެ.

އެ ސިޓީގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދުކުރުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެއެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

ސްކޫލުތަކާއި ކޮލެޖްތަކާއި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކުލާސްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ. އަދި ކްލާސްތައް އޮންލައިންކޮށް ގެންދިއުމަށް ވަނީ އަންގައިފައެވެ.

ގާޑިޔާތައްވެސް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވުން މަނާކޮށް، ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.

ކައުންސިލުން ވަނީ ސެލޫންތަކާއި ޖިމްތައްވެސް ބަންދުކުރުމަށް ނިންމައިފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.