ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި، ޖެޓީ ހެދުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.
މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 326 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށި ލުމާއި 58 މީޓަރު ސަރަހއްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 174 މީޓަރު ނެރު ފައިކަށި ޖެހުމާއި، 616 މީޓަރު ބޮޑު ހިލައިގެ ބޭރު ތޮށި ލުމާއި 185 މީޓަރު ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތިއާއި މޫރިން ލައިޓް ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭރުތޮށީގެ ބަނދަރާވީ ސަރަހައްދުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި، ރޭމްޕް ހެދުމާއި 4320 މީޓަރު ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރު ކުރުން ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 69.8 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު