ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ޓީމުގެ ތަރި ނޭމާއަށް އަނިޔާ ވެއްޖެއެވެ.
ޕީއެސްޖީން ފްރެންޗް ކަޕުގައި ދެވަނަ ޑިވިޝަންގެ ސައެންއާ ދެކޮޅަށް ރޭ ކުޅުނު މެޗު، 1-0 އިން ޕީއެސްޖީން ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ މޮއިސް ކީންއެވެ. މެޗުން މޮޅުވެ ލިބުނު ހިތްހަމަ ޖެހުމަށްވުރެ ބޮޑަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މާޔޫސްކޮށްލީ ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވުމުންނެވެ. ބެލެވޭ ގޮތުގައި ރޭގެ މެޗުގައި ނޭމާއަށް ލިބިފައިވާ އަނިޔާއަކީ ފަލަމަސްގަނޑުގެ އެތެރެ ފަރާތަށް ލިބިފައިވާ އަނިޔާއެކެވެ.
މިދިޔަ އަހަރުގެ ފަހު ކޮޅުގައި ނޭމާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މަހަކަށްވުރެ ގިނަ ދުވަހު ނުކުޅެ ހުރުމަށްފަހު އޭނާ އެނބުރި އައީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ޑިސެންބަރު މަހު ނޭމާ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ބާލަން ޖެހިފައިވާއިރު، އޭނާގެ ފައިގެ ކުޑަހުޅަށް ގިނަ ފަހަރެއްގެ މަތިން ވަނީ އަނިޔާވެފައެވެ.
2017 ވަނަ އަހަރު ބާސެލޯނާއިން ރެކޯޑު، 222 މިލިއަން ޕައުންޑަށް ނޭމާ ޕީއެސްޖީއަށް ބަދަލުވިފަހުން އަނިޔާގެ މައްސަލަތައް ކުރިމަތިވި ނަމަވެސް އޭނާގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ގެންދިޔުމުގައި ނޭމާގެ ދައުރު ބޮޑެވެ.
އަންނަ ހަފުތާ އަންގާރު ދުވަހުގެ ރޭ ޕީއެސްޖީން ބާސާއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާއިރު، ނޭމާއާ ނުލާ ބާސާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ޕީއެސްޖީއަށް މާޔޫސްކަން ލިބިގެންދާނެ ކަމެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު