ޖަހާދޯނީގެ ވާހަކަ އަޅުގަނޑަށް އެންމެ ފުރަތަަމަ ފެނުނީ 1993 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އަޅުގަނޑަކީ މަޖީދިއްޔާ ސްކޫލުގެ ގުރޭޑު 8 ދަރިވަރަކީމެވެ. އަޅުގަނޑު ކިޔަވަމުން ދިޔަ ސްޓްރީމަކީ އާޓްސް ސްޓްރީމް ކަމުން ކިޔަވާ މާއްދާތަކުގެ ތެރޭގައި ހިސްޓްރީވެސް ހިމެނެއެވެ. އެހެންކަމާވެސް އެކު އޭރުއްސުރެ ތާރީޚަށް ހުންނަ ލޯތްބެއްގެ ސަބަބުން ތާރީޚީ މައުލޫމާތު ހޯދައިއުޅުމަކީ އަޅުގަނޑު ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން ގެންދިޔަ ކަމެކެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގެ ތާރީޚެވެ. މިގޮތުން އަޅުގަނޑަކީ އާއްމުކޮށް މަޖީދީމަގުގައި ބިއްލޫރިޖެހިގޭގައި އޭރު ހިންގަމުން އައި ގައުމީ ކުތުބުޚާނާއަށް ބަރާބަރަށް ގޮސް އުޅުނު މީހަކީމެވެ. މިގޮތުން އެތަނުން ލިބެން ހުންނަ ތާރީޚާއި ގުޅުން ހުރި ފޮތްތައް ކިޔަމުން އައިސް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުނު ފަތްތޫރަ މަޖައްލާ ކިޔުމުގެ ތެރެއިން ވަރަށް ޝައުގުވެރި މައުލޫއަކަށް ފުވައްމުލަކު އަބްދުﷲ ފާރޫގު ހަސަން ލިޔުއްވަމުން ގެންދެވި މަޒުމޫނުތަކެއް ފެނުނެވެ. އާދެ، "ކައިރި... ނަމަވެސް ދުރުގައިވާ މަލިކު" މި މައުލޫއަށް އޭނާ ލިޔުއްވަމުން ގެންދެވި ސިލްސިލާ މަޒުމޫނުތަކެކެވެ. އަޅުގަނޑު މަލިކުގެ މައްޗަށް ހިތްޖެހުނު ހިސާބަކީވެސް މިއީއެވެ. އެއީ ޔުނެސްކޯގެ ޕާޓިސިޕޭޝަން ޕްރޮގްރާމުގެ ދަށުން 1990 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، މަލިކުގައި ވާހަކަދައްކާ ދިވެހި ބަސް ދިރާސާކުރެއްވުމަށްޓަކައި ފާރޫގާއި އަބްދުﷲ ސާދިގު (ސޯދުބެ) އާ ދެބޭކަލުން އެރަށަށް ކުރެއްވި ދަތުރަށްފަހު ލިޔުއްވަމުން ގެންދެވި މަޒުމޫނުތަކެކެވެ. އަޅުގަނޑަށް ޖަހާދޯނީގެ ވާހަކަ އެންމެ ފުރަތަަމަ ފެނުނީ މި މަޒުމޫނުތަކުންނެވެ. ތިރީގައި މި ނަކަލުކޮށްލަނީ މަލިކުގެ އޮޑިފަހަރުގެ ދަތުރާ ބެހޭ ގޮތުން ލިޔުއްވަމުން ފާރޫގު ލިޔުއްވި އިބާރާތް ކޮޅެވެ.
"...އޮޑިފެނުމާއެކު ޖަހާދޯނި ނުވަތަ އޮޑިޖަހާދޯނި ގޮސް އޮޑި ކަފުޖަހައިގެން ގެނެއެވެ. މިކަމުގައި މަލިކުގެ އާރުކާޓީ (ކެޔޮޅުންގެ ވެރިމީހާ) ގެ ދައުރު ވަރަށް މުހިންމެވެ. މިއީވެސް ރާއްޖޭގެ އެހެނިހެން ހިސާބުގައިވެސް ކޮށްއުޅުނު ކަމެކެވެ. އަޅުގަނޑުމެންގެ ރަށުގައިވެސް ދިހަފަލިލީ ދޯނިފަހަރުގޮސް އޮޑި ކަފުޖަހައިގެން ގެންނަ ހަނދާން އަޅުގަނޑުވެސް ރަނގަޅަށް އެބަހުއްޓެވެ. ޖަހާދޯނީގެ ކަފުގައި އޮޑި ގެނެސް އޮޑިއަޅާ ހިސާބުގައި އޮޑިއެޅުމަށްފަހު އެންމެ ފުރަތަމަ އޮންނަނީ ރަވާނާ ބޭލުމެވެ..."
މީގެ އިތުރުންވެސް މަލިކު މީހުން މުނިފޫހިފިލުވުމަށްޓަކައި ކޮށްއުޅުނު ޚާއްސަ ކަންތައްތަކުގެ ތެރޭގައި ހިމެނުނު ރަށްގަނޑަށް ދިޔުމުގެ ވާހަކަ ބަޔާންކޮށްދެއްވަމުންވެސް ޖަހާދޯނީގެ ވާހަކަ ގެންނަވާފައިވެއެވެ. އެތަނުން އިބާރާތްކޮޅެއްވެސް މިތަނުގައި ނަކަލުކޮށްލާނަމެވެ.
"...އެއަވަށެއްގެ ހުރިހާ ފިރިހެނުން ނުކުމެ ޖަހާދޯންޏާއި އިތުރު ދޯނިފަހަރު ޒީނަތްތެރިކޮށް ދޯނިފަހަރުގައި ސަނދުވާ ދަމައި ތައްޔާރުކުރެއެވެ... ޖަހާދޯންޏާއި އެހެން ދޯނިފަހަރަށް މީހުން އަރައި ހަމަވުމުން ޖަހާދޯނީގެ ކަފުގައި އެހެން ދޯނިފަހަރު ޖަހައިގެން ރަށްގަނޑަށް ދާން ވީއްލައިލައެވެ..."
މި ލިޔުންތަކުން އޭރު އަދި ޖަހާދޯންޏަކީ ކިހާ ވަރެއްގެ ދޯންޏެއްކަން މާ ރަނގަޅަކަށް ސާފެއް ނުވެއެވެ. އޭގައި ހުންނަ ފޮޓޯތައް ހުރި ގޮތުންވެސް މާބޮޑަށް ސާފުނުވަނީއެވެ. ދެން މިހެން އުޅެނިކޮށް ހަމަ އެދުވަސްވަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ކުތުބުޚާނާގެ ތެރެއަށް ވަދެއުޅެނިކޮށް، ދުނިޔޭގެ އެތަންމިތަނުގައި ހުރި ދިވެހިރާއްޖެއާ ބެހޭ މުސްކުޅި ލިޔެކިޔުންތައް އެއްކޮށް ޖަމާކުރުމަށް ފަހު ސްވިޑަންގެ ލާސް ވިލްގަން ތައްޔާރުކޮށްފައިވާ "މޯލްޑިވްސް އޮޑް ހިސްޓްރީ" ގެ ފޮތްބައިގެ ތެރެއިން 1935 ވަނަ އަހަރު ނަގާފައިވާ މަލިކުގެ ޖަހާދޯނީގެ ވަރަށް ރީތި ފޮޓޯތަކެއް ފެނުނެވެ. އަދި ހަމަ އެހެންމެ މި ފޮތްބަޔާއެކު މަލިކަށް ޚާއްސަކޮށްގެން ލާސް ވިލްގަން އެއްކޮށް ޖަމާކޮށްފައިވާ މިފަދަ ފޮތެއް ވެސް އޮތެވެ. އެ ފޮތުންވެސް ޖަހާދޯނީގެ ބައެއް މައުލޫމާތު ލިބުނެވެ. ފަރާތެއްގައި 20 ފަލި އެކުލެވޭ 40 ފަލީގެ ޖަހާދޯންޏާއި އޭގެ ޑަބަލް ކުދި ޖަހާދޯނި މަލިކުގައި ހުރި ކަން އެ ލިޔުންތަކުން ދޭހަވެއެވެ.
މަލިކުގެ ޖަހާދޯނިތަކާ ބެހޭ ގޮތުން އަޅުގަނޑަށް މި ފެނުނު މައުލޫމާތުތަކަށް ބުރަވެ އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެފަދަ ޖަހާދޯންޏެއް ގެންގުޅެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު ލިބިފައި ނުވާތީ އަޅުގަނޑަށް ބެލެވެމުން އައީ، އެއީ މަލިކުގެ ޚާއްސަ ދޯންޏެއް ކަމުގައެވެ. ފާރޫގުގެ ލިޔުއްވުމުގައި ފުވައްމުލަކުގެ ދިހަފަލި ދޯންޏެއްގެ ވާހަކަ ލިޔުއްވާފައި އޮތުމާއެކުވެސް މަލިކު ޖަހާދޯނިތަކަށް ވުރެ އެ ދޯނިވެސް ކުޑަކަމުން އަޅުގަނޑަށް ބެލެވުން އައީ އެގޮތަށެވެ. އުމުރުން 4 އަހަރުއްސުރެ މާލޭގައި އުޅެ ބޮޑުވުމުން އައްޑޫ މީހުންގެ ހަފަލި ދޯންޏާއި ދިހަފަލިދޯނީގެ މާބޮޑު މައުލޫމާތެއް ވެސް އަޅުގަނޑަކަށް އޭރު ލިބިފައިނުވެއެވެ. އެހެންނަމަވެސް ކުތުބުޚާނާތަކުން ފެނުނު ބައެއް ފޮޓޯތަކުން ސައިޒުން ކުދި ޖަހާދޯންޏަށް ވެދާނެ ކަހަލަ ދޯނިތަކެއްގެ ފޮޓޯ އަޅުގަނޑަށް އޭރުވެސް ވަނީ ފެނިފައެވެ.
ކޮންމެއަކަސް ސްކޫލު ދައުރަށް ފަހު 2001 ވަނަ އަހަރު އަޅުގަނޑު ސިފައިންގެ ވަޒީފާއަށް ވަދެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށްޓަކައި ގިރިފުއްޓަށް ގޮސް ހުއްޓާ އެރަށުން ސޮކީގެ ނަމުން ނަން ކިޔާ ފައިބަރު ދޯނިތަކެއް ފެނުނެވެ. އެއީ ހަނި ދިގު، ފަލިޖަހައިގެން ދުއްވާ ދޯނިތަކެކެވެ. ފަރާތެއްގައި ހުންނަނީ 6 ފައްޔެވެ. ޖުމުލަ 12 ފައްޔެވެ. އެހެންވީމާ މަލިކު ޖަހާދޯނިތަކަށް ވުރެ މާކުޑަތާއެވެ. އެހެންނަމަވެސް ކުރިން ދެންނެވި މާލޭގެ ފޮޓޯތަކުން ފެންނަ ސައިޒުގެ ދޯނިތަކެއްހެން ހީވެއެވެ.
ސިފައިންގެ ތަމްރީނުތައް ނިމި ސިފައިންގެ ދަށުން އޭރު ހިންގަމުން އައި ފުލުސް އޮފީހުގައި މަސައްކަތް ކުރި ދުވަސްވަރު އަޅުގަނޑު ހަނދާންވާ ގޮތުން ދިވެހިރާއްޖޭގައި އޭރު މަސައްކަތްކުރަމުންދިޔަ އަޅުނގަޑުގެ ނުހަނު އެކުވެރި މަލިކު މުރައިދުގަނޑުވަރު ޑރ. މުނީރު މަނިކުފާނު ރާއްޖޭގައި ވަޒީފާ އަދާކުރި ދުވަސްވަރު މުނީރާއެކު ދާރުލްއާސާރަށް ކުރި ޒިޔާރަތުގައި މަލިކު ޖަހާދޯންޏާ ތަފާތެއް ނެތް ޖަހާދޯންޏެއްގެ މޮޑެލެއް ފެނުނެވެ. އެޔަކުން އެއީ މަލިކު އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފުކޮށް އެނގޭކަށް ނެތެވެ. ސީދާ މަލިކު ޖަހާދޯންޏެއްގެ މޮޑެލަކަށްވެސް ވެދާނެއެވެ. ކުރިން އަޅުގަނޑު ދެންނެވި ލާސް ވިލްގަންގެ ފޮތްބައިގެ ފޮތަކުން މަލިކުގެ ރަށުވެރީން ގާތްގަނޑަކަށް އެ ވަރުގެ ޖަހާދޯނި މޮޑެލެއް ހިފައިގެން ހުރި މަންޒަރު އަޅުގަނޑު ދުށީމެވެ.
އެދުވަސްވެސް ފާއިތުވެގެން ގޮސް މަލިކުގައި ގެންގުޅުނު ފަދަ އަދި ޖަހާދޯނީގެ ނަމުން ނަން ކިޔާ ދޯންޏެއް ދިވެހިރާއްޖޭގައި ހުރި ކަމުގެ ސާފު ހެތްކެއް ނެތި އުޅެނިކޮށް ހެންވޭރު ޝަފީގުގޭ އަހުމަދު ޝަފީގު ލިޔުއްވި "އޮޑިދޯނިފަހަރުބަނުން" މި ނަންކިޔާ ފޮތެއް ބަލަމުން ދަނިކޮށް އެފޮތުގައި އޮތް ދިވެހީންގެ އުޅަނދުތަކުގެ ލިސްޓުގައި ޖަހާދޯނީގެ ވާހަކަ ލިޔެފައި އޮތްވާ ފެނިއްޖެއެވެ. އަދި އެފޮތުގައި ޖަހާދޯނީގެ މޮޑެލެއްގެ ފޮޓޮއެއްވެސް ހުއްޓެވެ. ހީވާ ގޮތުން އެއީ ދާރުލްއާސާރުގައި ހުރި މޮޑެލުގެ ފޮޓޮއެކެވެ. އޭގައި އޮތް ގޮތުން ޖަހާދޯނީގެ ދިގުމިނަކީ 12 މީޓަރެވެ. ފުޅާމިނަކީ 1.96 މީޓަރެވެ. މިއީ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓެވެ. ލަފާކުރެވޭގޮތުން މިއީ ފަރާތެއްގައި 10 ނުވަތަ 12 ފަލި ހުންނާނެ ވަރުގެ ދޯންޏެކެވެ. ދޯނީގެ މިނަށް ބަލާއިރު މަލިކުގެ ކުޑަ ޖަހާދޯންޏަކާ ގާތްގަނޑަކަށް އެއްވަރެވެ. އެހެންނަމަވެސް މިވަރަކުން އަޅުގަނޑަކަށް ނުފުދުނެވެ. ދިވެހިރާއްޖޭގެ ޖަހާދޯންޏާބެހޭ އިތުރު މައުލޫމާތު ލިބޭތޯ ދެންވެސް ބެލީމެވެ. އާދެ، ފަހުން މިހާވަރަށް އެކަން ހޯދައި ބެލުމުގެ ޝައުގުވެރިކަން އިތުރުވީ ފޭސްބުކްގެ ޒަމާން އައިސް ފޭސްބުކްގައި ލިޔާ މަލިކުގެ ބައެއް އެކުވެރީން ޖަހާދޯންޏަކީ ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ނެތް ހަމައެކަނި މަލިކުގައި ގެންގުޅެމުން އަންނަ ދޯންޏެއް ކަމަށް ލިޔަން ފެއްޓުމުންނެވެ.
އެހެންކަމުން މައުލޫމާތު ދަންނަ އެކިއެކި މީސްމީހުން ގާތުން ޖަހާދޯންޏާ ބެހޭ މައުލޫމާތު ލިބޭތޯ ތަފާތު އެކި މަސައްކަތް ކުރީމެވެ. ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި މިފަދަ މައުލޫތު އެނގިވަޑައިގަންނަވާނޭފަދަ ތަޖުރިބާކާރުންގެ ތެރެއިން އެންމެ ފުންނާބު އުސް އެއްބޭފުޅަކީ ވެލާނާގެ މުހައްމަދު ދީދީގެ ދަރިކަލުން އަބްދުލްމަޖީދު މާހިރުކަން ކަށަވަރެވެ. އަޅުގަނޑު ފޭސްބުކްގައި ޖެހި ޕޯސްޓަކަށް ކޮމެންޓުކުރައްވަމުން އޭނާ ލިޔުއްވާފައި ވަނީ މިފަދައިންނެވެ. "ދަންނަވަންތޯ އަޅުގަނޑުމެން މަޖީދިއްޔާ ކުދިން ހުޅުލޭ ވިލުތެރޭ ފަލިޖަހަން ބޭނުންކުރީ ތިޔަ ރިއްސެޔޮފަށް ދެމި ޖަހާދޯނި އިނގޭތޯ." އާދެ، ދިވެހި އޮޑިދޯނިފަހަރާއި ބެހޭ ތަޖުރިބާކާރު އަހުމަދު ވަޖީހު ވެސް ވިދާޅުވަނީ ރާއްޖޭގައި ޖަހާދޯނި ގެންގުޅުނު ކަމަށެވެ.
ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޒަމާނަށް ފަހު ދިވެހިބަހުގެ އެކެޑެމީގެ ޒަމާން ފެށުމުން ތާރީޚީ އެކިއެކި މައުލޫމާތު ހޯދުމަށްޓަކައި އަޅުގަނޑު ވަދެ އުޅުނު އެއް ތަނަކީ އެކެޑެމީގެ ދިރާސީ ކުތުބުޚާނާއެވެ. މިގޮތުން އެތަނުގައި ހުރި ފޮތްފޮތް ހާވައި ބަލަމުންދަނިކޮށް ވަރަށް ޚާއްސަ ފޮތެއް ފެނުނެވެ. އެއީ އައްސުލްތާނު މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ހިނގާފައިވާ އެކިއެކި ކަންކަމުގެ ރިކޯޑު ލިޔެފައިވާ ލޮގުފޮތަކުން ފޮޓޯކޮޕީ ނަގައިގެން ހަދާފައިވާ ފޮތެކެވެ. އަޅުގަނޑުމެން ކަހަލަ ތާރީޚަށް ޝައުގު ހުންނަ މީހަކަށް ޚަޒާނާއެއް ފަދަ ފޮތެކެވެ. ފޮތް ބަލަމުން ދަނިކޮށް ސީދާ ޖަހާދޯންޏާ ގުޅޭ ދެ ރިކޯޑެއް ފެނުނެވެ. ވަރަށް އުފާވިއެވެ. ތިރީގައި މި ނަކަލުކޮށްލަނީ އެ ދެ ރިކޯޑުގައިވާ ލިޔުމެވެ.
"شمس الدين ރަދުންގެ ތޭވީސް ވަނަ އަހަރު ذى القعدة 29 މިދުވަހު ހުޅުލޭގައި އިގުރައިދޫ މާވަޑި އާބަކުރުގެ މާވަޑިކަމުގައި އަތްދޮށު ނުވަ ވަޑިން ލައިގެން ބެންދެވި ޖަހާދޯނި 2 ދޭއް. މީން އެއް ދޯނީގެ ދިގުމިން ރިޔަން 15 ފަނަރަ، އަގޫ 1/2 22 ބާވީސް ބައި. ފަލަމިން ރިޔަން 2 ދޭއް، އަގޫ 18 އަށާރަ. ދެވަނަ ދޯނީގެ ދިގުމިން ރިޔަން 15 ފަނަރަ، އަގޫ 23 ތޭވީސް. ފަލަމިން ރިޔަން 2 ދޭއް، އަގޫ 1/2 18 އަށާރަ ބައި...سنة ١٣٤٢"
"ކުޑަހުވަދޫ މާވަޑި ހަސަނުގެ މާވަޑިކަމުގައި އަތްދޮށު ފަސް ވަޑިން ލައިގެން ވިލިގިލީގައި ބެންދެވި ޖަހާދޯނި 1 އެކެއް. މިދޯނީގެ ދިގުމިން ރިޔަން 15 ފަނަރަ، އަގޫ 1/2 12 ބާރަ ބައި. ފަލަމިން ރިޔަން 2 ދޭއް، އަގޫ 1/2 17 ސަތާރަ ބައި...سنة ١٣٤٣"
މިއީ 1924 އާއި 1925 އާ ދެމެދުގައި ބަނދެވުނު ޖަހާދޯނިތަކެކެވެ. ސައިޒަށް ބަލާއިރު ދޭހަވަނީ މިއީވެސް ކުދި ޖަހާދޯނިތަކެއް ކަމުގައެވެ. ދެން ދިވެހިރާއްޖޭގައި މަލިކުގައި ބޭނުންކުރާ ވަރުގެ 70 ފޫޓުގެ ނުވަތަ 40 ފަލީގެ ޖަހާދޯންޏެއް ގެންގުޅެފައި ނުވަނީބާއޭ ނުވަތަ މަލިކުގައި ގެންގުޅޭ ދިގު ޖަހާދޯންޏަކީ ފަހުން ދިގުކޮށްގެން އުޅޭ ޖަހާދޯންޏެއްބާއޭ ހިތަށް އަރައިގެން ހުއްޓާ އަނެއްކާވެސް ފެނުނީ ވަރަށް މުހިއްމު ތާރީޚީ ލިޔުމެކެވެ. އެލިޔުމަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރަށްވުރެވެސް ކުރީގެ ލިޔުމެކެވެ. އާދެ އެރަދުންގެ ބައްޕާފުޅު އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގައި 1885 ގައި ދިވެހިރާއްޖެއަށް އައި ޖަރުމަނުވިލާތުގެ ސައްޔާހެއް ކަމަށްވާ ކާލް ވިލްހެމް ރޮސެޓް ލިޔެފައިވާ ލިޔުމެކެވެ. ފެންނަން ހުރި ދިވެހީންގެ އެންމެ ކުރީގެ ފޮޓޯތަކަކީވެސް މި ދެންނެވި ރޮސެޓް ނަގާފައިވާ ފޮޓޯތަކެކެވެ.
1885 ގެ އޮކްޓޯބަރު 25 ވަނަ ދުވަހު "ސިލޯނު" އޭ ކިޔުނު އާގުބޯޓުން ކޮޅުނބުން ފުރައިގެން އޮކްޓޯބަރު 29 ވަނަ ދުވަހު މާލެއަތޮޅު އެތެރެވަރީގައި ބޯޓު ބަނދަރުކުރުމަށްފަހު ދިވެހިރާއްޖެއިން އޭނާ ފުރައިގެން ދިޔުމާ ހަމައަށް ދިވެހިރާއްޖެއިން އޭނާއަށް ފެނުނުހާ މަންޒަރުތަކާއި ކުލަވަރުތައް ރޮސެޓްގެ ލިޔުންތަކުގައި ވަރަށް ރީތިކޮށް ސިފަކޮށްދީފައިވެއެވެ. މާލެ އަތޮޅުން ދިމާވި ދޯނިފަހަރާއި، މާލޭގެ މަލަމައްޗާއި، ދުވި ވަސްތަކުގެ ސިފަކުރުމަށްފަހު އޭނާ ދެން ސިފަކޮށްދިން އެއްޗަކީ އޭނާ ނެގި ފޮޓޯތަކުގައި ނެތަސް ޖަހާދޯންޏެކެވެ. ފަރާތެއްގައި 20 ފައްޔާއެކު ޖުމުލަ 40 ފަލީގެ މައްޗަށް އެކުލެވިގެންވާ ހަނި ދިގު ދޯންޏެކެވެ. ދޯނީގެ ހަނިކަމާއެކު ގަދަ ކަނޑެއްގައި އެފަދަ އެއްޗަކުން ދަތުރުކުރުން އޭނާ ސިފަކުރީ ވަރަށް ބޮޑު ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ. އާދެ މަލިކުގައި ގެންގުޅޭ އެންމެ ދިގު ދޯނިތަކާ ދާދި އެއްވަރެއްގެ ދޯންޏެކެވެ.
މީގެ އިތުރުން ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި 5 މާޗު 1931 ގައި އިނގިރޭސި ސިލޯނުގެ ވަގުތީ ގަވަރުނަރަކަށް ހުންނެވި ބަރނަޑް ހެންރީ ބޯޑިލޯން ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގެ ވީޑިއޯއިންވެސް ޖަހާދޯނިޖަހާ މަންޒަރު ފެނެއެވެ.
އާދެ، މިއަދު ރާއްޖެއިން ފެންނަން ނެތަސް ޖަހާދޯންޏަކީ މަލިކަށް އެކަނި ޚާއްސަ އެއްޗެއް ނޫންކަން ހާމަވެގެން ހިނގައްޖެއެވެ. އެއީ ދިވެހީންގެ އެއްޗެއްކަމާއި ސިޔާސީ ގޮތުން ނުވަތަ ގައުމީ ނިސްބަތުގެ ގޮތުން ނޫން ހުރިހާ ގޮތަކުން ނުހަނު ދިވެހި މަލިކުގައި ވެސް އެއެއްޗެއް ބޭނުންކުރަމުން އަންނަނީ މަލިކުގެ ދިވެހިވަންތަކަމުގެ ތެރެއިންކަން ހާމަވެގެން ވެސް ހިނގައްޖެއެވެ.
މިއަދު ޖަހާދޯންޏަކީ މަލިކުގައި ވަރަށް ޚާއްސަކަމެއް ދީގެން ގެންގުޅެމުން އަންނަ ދޯންޏެކެވެ. މަލިކުގެ ހުރިހާ އަވަށެއްގައި ވެސް އެއް ދޯނި ދެ ދޯނިވަރު ބަނދެގެން ގެންގުޅެއެވެ. 2009 އިން ފެށިގެން ކޮންމެ އަހަރަކުވެސް މަލިކުގައި ފާހަގަކުރަމުން އަންނަ ގައުމީ މަލިކު އީދު ނުވަތަ ނެޝަނަލް މިނިކޯއި ފެސްޓްގައި އިންޑިޔާގެ ބޮޑުވަޒީރުގެ "ރޯލިން ޓްރޮފީ" ގެ ނަމުގައި ދެއްވާ ޚާއްސަ އިނާމު ލިބޭ ގޮތަށް ޖަހާދޯނި ޖެހުމުގެ ފޯރިގަދަ މުބާރާތެއް އަންނަނީ ބާއްވަމުންނެވެ. ދިވެހިރާއްޖޭގައިވެސް އިހުގައި މިފަދަ ފަލިމުބާރާތްތައް ބާއްވައި އުޅުނެވެ. މަލިކު އީދު ނަމޫނާއަކަށް ބަލައިގެން އަދި ދިވެހިރާއްޖެއިން ގެއްލިފައިވާ ޖަހާދޯނި އަލުން ދިރުވައި ރާއްޖޭގެ ވެސް އެކި ކަންކޮޅުތަކުގައި ޖަހާދޯނި ޖެހުމުގެ މުބާރާތްތައް ބޭއްވުން ކިހިނެއްވާނެތޯއޭ އަޅުގަނޑު ހިތަށް އަރައެވެ. މިއީ ގައިމު ބަޔަކު ދެބަސްވެ އަރައިރުންވާނޭ ޒާތުގެ މުނިފޫހިފިލުވުމަކަށް ނުވާނެތާއެވެ. އަދި މިއީ މުނިފޫހިފިލުވުމުގެ އިތުރުން ކަސްރަތު ލިބޭނެވެސް ކަމެކެވެ. އަދި 90 އިންސައްތައަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކާއި ނުހަނު ގުޅޭނެވެސް ކަމެކެވެ.
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.