ފުވައްމުލަކު ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށުން މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު އަށަކަށް އަރައިފިއެވެ.
ފުވައްމުލަކުގައި މިދިޔަ އާދިއްތަ ދުވަހު ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ނަމަވެސް އޭގެ ތެރެއިން އެއް ސާމްޕަލް ފަހުން ވަނީ ނެގެޓިވްވެފައެވެ.
އެ ސިޓީން އިއްޔެ ޕޮޒިޓިވްވި މީހާއަކީ މިދިޔަ މަހު ދުބާއީ އިން އައިސް އެ ސިޓީގައި ހޯމް ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެކެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "ވަން" އަށް މިރޭ ވިދާޅުވީ މިއަދު ޓެސްޓް ކުރި 20 ސާމްޕަލްގެ ތެރެއިން އަށް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި އަށް މީހުންނާއެކު ދުބާއީ ކްލަސްޓާއާ ގުޅުންހުރި ނުވަ މީހަކު މިހާތަނަށް އެ ސިޓީން ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއަދު އެ ސިޓީން ޖުމްލަ 43 ސާމްޕަލެއް ނަގާފައިވާ ކަމަށާއި މިއަދު ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތައް މާދަމާ ޓެސްޓް ކުރާނެ ކަމަށެވެ. އަދި މި ކްލަސްޓާއާ ގުޅުންހުރި އިތުރު ސާމްޕަލްތައް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ އެ ސިޓީން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަށް އެއްގެއިން އަނެއްގެއަށް ނުދިއުމަށާއި ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފައެވެ. އަދި އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގައިފައެވެ.
މިރެއިން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެއެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
ސްކޫލުތަކާއި ކޮލެޖްތަކާއި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކުލާސްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ. އަދި ކްލާސްތައް އޮންލައިންކޮށް ގެންދިއުމަށް ވަނީ އަންގައިފައެވެ.
ގާޑިޔާތައްވެސް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވުން މަނާކޮށް، ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.
ކައުންސިލުން ވަނީ ސެލޫންތަކާއި ޖިމްތައްވެސް ބަންދުކުރުމަށް ނިންމައިފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު