ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު ބާތިލުކޮށްފައިވަނީ އޭނާގެ ފަރާތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަމުރުގައި، އަމުރަށް އެދުނު ފަރާތެއްގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ފުރުން މަނާކުރުމުގެ އަމުރު ބާތިލުކޮށްދިނުމަށް އެދިފައިވަނީ އަލީ ވަހީދުގެ ފަރާތުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ވަހީދު މައްސަލައާ ގުޅިގެން ދޮގު މައުލޫމާތުތައް ދައުރުވަމުންދާ ކަމަށެވެ. އަދި އެމައްސަލައާ ގުޅޭ މައުލޫމާތުތައް މާދަމާ ހެނދުނު ހިއްސާ ކުރާނެ ކަމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރަކު އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ކަމަށެވެ. އަދި ޑޮކްޓަރުގެ ވާހަކަތަކަށްފަހު ދައުލަތުންވެސް އަލީ ވަހީދު ފުރުމުގެ އިއުތިރާޒެއް ނެތް ކަމަށް ބުނުމުން ދައުވާ ލިބޭ އަލީ ވަހީދުގެ ފަރާތުން ޖާމިނުވާ ފަރާތެއް ހުށަހަޅާފައިވުމުން ފުރުން މަނާކުރުމުގެ އަމުރު ބާތިލު ކުރީ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ކުރުމުން އިމިގްރޭޝަނުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލައިފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު ކަމަށް ބުނާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.