އެސްޓްރަޒެނެކާ ވެކްސިނަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން އިން ހުއްދަދީފިއެވެ.
އިންޑިއާއިން ހަދިޔާކޮށްގެން ރާއްޖޭގައި ޖަހާ "ކޮވިޝީލްޑް" ވެކްސިނަކީ ވެސް އޮކްފޯޑާއި އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެސްޓްރަޒެނެކާ އަދި ކޮވިޝީލްޑް ވެސް އުފައްދަނީ އެއް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން އުފައްދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައެވެ.
ޑަބްލިޔުއެޗްއޯ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ މި ވެކްސިން 18 އަހަރުން މަތީގެ މީހުންނަށް ދިނުން ރަނގަޅު ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންވެސް މި ވެކްސިން ބޭނުން ކުރުން ރަނގަޅު ކަމަށް ބުންޏެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ މި ވެކްސިންގެ ދެވަނަ ޑޯޒް ދޭން އެންމެ ރަނގަޅީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފުތާ އާއި 12 ހަފުތާއާ ދެމެދުގައެވެ.
"ކްލިނިކަލް ޓްރައިލް ޑޭޓާތަކުން ދައްކާގޮތުގައި ވެކްސިން ޖެހުމުގައި 65 އަހަރުން މަތީގެ މީހުން ބައިވެރިވެފައިވަނީ ވަރަށް މަދުން. އެހެން ނަމަވެސް 65 އަހަރުގެ މީހުންނަށް ނުވަތަ އެއަށްވުރެވެސް މަތީ އުމުރުގެ މީހުންނަށް މި ވެކްސިންގެ އަސަރުތައް ވަރަށް ރަނގަޅު ކަމަށް ދައްކަނީ. އެހެންކަމުން ޒުވާން އުމުރުގެ މީހުންނާ ބަލާފައި ވަކި ތަފާތެއް ނާންނާނެ ކަމަށް ބެލެވެނީ،" ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަންގެ ޗެއާ، އަލެހަންދްރޯ ކްރަވިއޯތޯ ވިދާޅުވިއެވެ.
ކްރަވިއޯތޯ ވިދާޅުވީ ދެކުނު އެފްރިކާގައި ކޮވިޑް ޖެހޭ ޒުވާނުންނަށް އެސްޓްރާޒެނެކާ ވެކްސިން އެހާ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ބުނެފައިވީ ނަމަވެސް މި ވެކްސިންގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށެވެ.
ކޮވިޑުގެ އެކި ވޭރިއަންޓް ފެތުރެމުންދާ ގައުމުތަކުގައި މި ވެކްސިން ބޭނުން ނުކުރަންވީ ސަބަބެއް ނެތް ކަމަށާއި މިއީ ބޭނުން ކުރަން ރަނގަޅު ވެކްސިނެއް ކަމަށް ކްރަވިއޯތޯ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު