މާލެ ސިޓީ ކައުންސިލުން "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި ރައްޔިތުންގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އެ ކައުންސިލުން މިއަދު ބުނި ގޮތުގައި، މި ބައްދަލުވުން ބޭއްވުމަށް ނިންމީ ދެފުށްފެންނަ އަދި މާނަހުރި ގޮތެއްގައި މަޝްވަރާކުރުމެއް ނެތި މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމާ ގުޅޭ ނިންމުންތައް ނިންމަމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ހޯލްގައެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވުމަށް އެދި، މާލެ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް އެ ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.
މި ބައްދަލުވުން ބޭއްވުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، "ގާނޫނާއި ގަވާއިދާ ހިލާފަށް ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކަންކަން ކުރަމުންދާނަމަ ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭނެ" ކަމަށެވެ. އަދި "ކައުންސިލް އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނާ އެކުގައި" ކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ބިމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، "ދިވެހިރާއްޖޭގެ ބިންތައް ބޭރު މީހުންނަށް ވިއްކައި، އެ ބިންތަކުގައި އެކި ދީންތަކުގެ މީހުން އައިސް ނާޗަރަންގީ ކުޅޭކަށް ދިވެހި ރައްޔިތުން ބޭނުންނުވާ" ކަމަށެވެ. ހަމައެއާއެކު، "ރާއްޖޭގެ އެއްވެސް ތަނެއް ނުއަގުގައި ކުއްޔަށް ދޭންވެސް ދިވެހި ރައްޔިތުން އެއްބަސްނުވާނެ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ އަޑު އުފުލުމަށް ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ބައްދަލުވުމުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
މާލޭ ސިޓީ ކައުންސިލުގެ 14 ބިމެއް ދައުލަތަށް ނަގާތީ ސިވިލް ކޯޓަށް ކައުންސިލުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މައްސަލަ ހުށަހަޅައިފައެވެ. ދައުލަތަށް އެ ބިންތައް ނެގުމަށް ނިންމާފައިވަނީ މަޝްރޫއުތަކެއް ހިންގުމަށް ކަމަށް ސަރުކާރުން ބުނެއެވެ.
ދައުލަތަށް ނަގާ ބިންތައް:
- ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު: ޒަމާނީ އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ގާއިމުކުރުން.
- މަސް މާރުކޭޓު: އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށްދޭ ޒަމާނީ އާ އިމާރާތެއް އެޅުން.
- ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު: ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއެއް ހިންގުން.
- ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި އެކުދިންގެ އެކި ހަރަކާތްތައް ހިންގާ މަރުކަޒެއް ގާއިމުކުރުން.
- ދަތުރުފަތުރާއި ޕާކިން ވަސީލަތްތައް: ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކާއެކު ޒަމާނީ ޕާކިން އިމާރާތެއް އެޅުމާއި، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލިޓީއެއް ގާއިމުކުރުން.
- ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުން: އާޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އިތުރަށް ފުރިހަމަކުރުމާއި، ރަސްފަންނު ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން.
- ކައުންސިލް އެކަމަޑޭޝަން އަދި ކާނިވާ ސަރަހައްދު: ސިޓީ ކައުންސިލް އެކަމަޑޭޝަން ބިމުގައި ލޭބާ އެކަމަޑޭޝަނާއި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ކާނިވާ ކެފޭ ޕާކިން އޭރިއާ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން.
- އެހެނިހެން ހިދުމަތްތައް: ތައިސޭކޮށީގެ ހުސްބިންތައް މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ޕޭ ޓޮއިލެޓް 2 ހުރި ތަނުގައި ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ވަސީލަތްތައް ގާއިމުކުރުން. އަދި މަސްވެރިންގެ މައިޒާން މިހާރުވެސް އޮތް ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް