ހުޅުމާލޭގައި ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް ހިންގަމުން އައި ބިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހުޅުމާލެ ލޮޓް ނަންބަރު 10877 ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.
އެ ބިމަކީ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ރިވެލި ބީޗް އެންޑް ކްލަބު ރެސްޓޯރެންޓް ހިންގަމުން އައި ބިމެވެ. މިއަދުން ފެށިގެން އެ ބިން ނަގަން ނިންމާފައިވާތީ، ހުޅުމާލެ ލޮޓް ނަންބަރު 10877 ގައި އެ ކުންފުންޏަށް އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް ކުރުމާއި ހިދުމަތެއް ދިނުން ވެސް މަނާވާނެ ކަމަށް އެޗްޑީސީން އާންމުކޮށް އަންގާފައިވެއެވެ.
ވިޔަފާރި ހިންގުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ އެ ބިން އަތުލަން ނިންމީ ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ދިގު މުއްދަތެއް ވެފައިވާތީއެވެ. ނަމަވެސް ކުލީގެ ގޮތުގައި ނުދައްކާ ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކަށަވަރެއް ނުވެއެވެ.
އެ ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، އެއްބަސްވުމުގެ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން، މިފަދަ ނިންމުމެއް ނިންމަނީ އާންމުންނަށް ހިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލެގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުން ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް