ކުޅިވަރުގެ މައިދާނުގައި އުފެދޭ މައްސަލަތަކާއި ހިޔާލުތަފާތުވުންތައް ކުޑަކުރުމަށް ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.
މަޖިލީހުން މިކަމަށް ގޮވައިލީ ކުޅިވަރު ގާނޫނާ އެއްގޮތަށް، ފުޓުބޯޅާ އެސޯސިއޭޝަން (އެފްއޭއެމް) އަށް ސްޕޯޓް މިނިސްޓްރީން، ފިޔަވަޅު އަޅާފައި ނުވާތީ ގާނޫނުގައި ބުނެފައިވާގޮތަށް އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެންނެވެ.
އެ ރިޕޯޓުގައި ވަނީ ކުޅިވަރގެ މައިދާނުގައި އުފެދޭ މައްސަލަތަކާއި ހިޔާލު ތަފާތުވުންތައް ކުޑަ ކުރުމަށްޓަކައި ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމަށް މަތިކޮށްފައިވާ ފަރާތްތަކުން ގާނޫނުގައިވާގޮތުގެމަތިން އެކަން ކުރިއަށް ގެންދެވުމަށާއި، އެކަމާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް ވީ އެންމެ އަވަހަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން އަތޮޅުތަކާއި، ރަށު ފެންވަރުގައި ކުޅޭ ކުލަބުތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ބާރު އަޅައި ކުޅިވަރުގެ ރޫހު ނުގެއްލޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ރޭވުމަށްވެސް ވަނީ ގޮވާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މި ރިޕޯޓް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް