ފާއިތުވި ތިން ހަފުތާ ތެރޭގައި ދުނިޔޭގެ ގައުމުތަކުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް ދަށަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިޔުއެޗްއޯ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފުތާއަކު ޑަބްލިޔުއެޗްއޯ އިން އާންމު ކުރަމުން އަންނަ އެޕިޑެމިއޮލޮޖިކަލް ރިޕޯޓްތައް ދައްކާ ގޮތުން ދުނިޔޭގައި ކޮވިޑު ކޭސްތައް ދަށަށް ދާން ފަށާފައިވާތާ މިހާރު މަހެއްހައި ދުވަސް ވެއްޖެ އެވެ.
އެގޮތުން 10 ޖަނަވަރީން އެ މަހުގެ 17 ވަނަ ދުވަހު ދުނިޔޭގައި ފެނުނު ކޮވިޑު ކޭސްތައް ހަ ޕަސެންޓް މަދުވެފައިވާއިރު، މިދިޔަ މަހުގެ ފަހު ހަފުތާގައި ކޮވިޑު ކޭސްތަކުގެ އަދަދު ވަނީ 13 ޕަސެންޓް ދަށްވެފަ އެވެ. ޑަބްލިޔުއެޗްއޯ އިން އިއްޔެ އާންމުކުރި، އޭގެ ކުރީ ހަފުތާގެ ހިސާބުތައް ދައްކާ ގޮތުން އެ ހަފުތާގައި ދުނިޔޭގައި ފެނުނު ކޮވިޑު ކޭސްތައް ވަނީ 17 ޕަސެންޓް ދަށްވެފަ އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ، ބައެއް ގައުމުތަކުން ކޮވިޑު ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް، ދުނިޔޭގެ ނިސްބަތުން ކޮވިޑު ކޭސްތައް މަދުވާން ފަށަފައިވާ ކަމަށެވެ.
މިހާތަނަށް ދުނިޔެއިން ކޮވިޑު ޖެހިފައިވާ މީހުންގެ އަދަދު ވަނީ 107 މިލިއަނަށް އަރައިފަ އެވެ. އަދި އެބަލިން 79 މިލިއަން މީހުން ވަނީ ރަނގަޅުވެފަ އެވެ.
ޑަބްލިޔުއެޗްއޯގެ ހިސާބުތައް ދައްކާ ގޮތުން ކޮވިޑު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ މަދުވާން ފަށާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.
ޑަބްލިޔުއެޗްއޯ އިން އިއްޔެ އާންމުކުރި އޭގެ ކުރީ ހަފުތާގެ ހިސާބުތައް ދައްކާ ގޮތުން، އެ ހަފުތާގައި ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މިދިޔަ ތިން ހަފުތާގެ ތެރޭގައި މުޅި ދުނިޔެއިން ކޮވިޑު ޖެހިގެން މަރުވީ ގާތްގަނޑަކަށް ދެ ލައްކަ މީހުންނެވެ.
ދުނިޔޭގައި ކޮވިޑު ކޭސްތައް މަދުވާން ފަށާފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ވެކްސިން ޖަހަމުންނެވެ. އަދި ވެކްސިނަށް އޮތް ޑިމާންޑު ވެސް އަންނަނީ އިތުރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު