މި އަހަރު ނިމޭއިރު ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން އަންނާނެކަމަށް ލަފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބަޖެޓް ތައްޔާރު ކުރަމުންދިޔައިރު، ރާއްޖެ އަންނާނީ އެއްމިލިޔަން ފަތުރުވެރިން ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް ރާއްޖެއަށް ވެކްސިން ލިބުމުން، އަލުން ރިވިއު ކުރެއްވި ކަމަށެވެ. އެ ރިވިއުއިން މިއަހަރު ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން އަންނާނެކަމަށް ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބެޑްނައިޓާއި ލިބޭ އާމްދަނީއާ ގުޅުން އޮންނާތީ، ރާއްޖެ އަންނަ ފަތުރުވެރިން، ނަމްބަރުން ގުނުމުގެ ބަދަލުގައި މިފަހަރު ގުނާނީ ބެޑްނައިޓުން ކަމަށެވެ.

އެގޮތުން މިއަހަރު 10 މިލިޔަން ބެޑްނައިޓް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު 1.5 މިލިޔަން ފަތުރުވެއިން އަންނާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ނިމިދިޔަ ޖެނުއަރީ މަހާއި، މި ހިނގާ ފެބްރުއަރީމަހު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

އެގޮތުން ކޮވިޑާ ގުޅިގެން އާދަޔާ ހިލާފަށް ޔޫރަޕް ބަންދު ކުރުމުން، އަންދާޒާކުރިވަރަށް އެ ދެމަހު ޓޫރިސްޓުން އައިސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ކޮވިޑް ވެކްސިން ޖަހަން ފެށުމުން އުއްމީދު އާވެއްޖެ ކަމަށެވެ.

ވެކްސިން ދިނުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި، ދިވެހި ރައްޔިތުން ވެކްސިންޖެހުމަށް ތަރުހީބުދޭ ތަރުހީބުގެ ސަބަބުން މުޅި އާބާދީއަށް އެންމެ ފުރަތަމަ ވެކްސިންޖެހި ގައުމަކަށް ރާއްޖެ ވެގެން ގޮސް ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

އެކަމުގެ ސަބަބުން މިއަހަރު ދުނިޔޭގެ ހުރިހާ ދިމާލަކުން ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.