ފުވައްމުލަކު ސިޓީގެ ފިހާރައަކަށާއި ޕޯސްޓް އޮފީހަށް ހިދުމަތް ހޯދަން ދިޔަ ފަރާތްތައް އަންގަން އެދެފިއެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ އެ ސިޓީން ނެގި ރެންޑަމް ބައެއް ސާމްޕަލް ޕޮޒިޓިވްވެފައި ވާތީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަޑިމަގު އޮކާޒް ފިހާރަ އަދި ފުވައްމުލަކު ޕޯސްޓް އޮފީހަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތައް 9988232 ނަންބަރާ ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ފުވައްމުލަކުން ނެގި 150 ރެންޑަމް ސާމްޕަލް އިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓޭކްޓް ޓްރޭސިން ހަދައި ނިމެންދެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެ ދެ ކޭސްއާ ގުޅިގެން ފުވައްމުލަކު ކައުންސިލުން ވަނީ އެރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަށް އެއްގެއިން އަނެއްގެއަށް ނުދިއުމަށާއި ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފައެވެ. އަދި އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގައިފައެވެ.
މިރެއިން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެއެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
ސްކޫލުތަކާއި ކޮލެޖްތަކާއި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކުލާސްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ. އަދި ކްލާސްތައް އޮންލައިންކޮށް ގެންދިއުމަށް ވަނީ އަންގައިފައެވެ.
ގާޑިޔާތައްވެސް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވުން މަނާކޮށް، ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.
ކައުންސިލުން ވަނީ ސެލޫންތަކާއި ޖިމްތައްވެސް ބަންދުކުރުމަށް ނިންމައިފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ފިހާރަތަކަށް ވަނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނުވެއްދުމަށާއި ޓެކްސީ ކުރާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު