ފުވައްމުލަކު ސިޓީގައި ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.
ފުވައްމުލަކުން ނެގި 150 ރެންޑަމް ސާމްޕަލް އިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓޭކްޓް ޓްރޭސިން ހަދައި ނިމެންދެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ލަފާކުރެވޭތީ، މިރޭ 12:00 އިން ފެށިގެން އެރަށުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަށް އެއްގެއިން އަނެއްގެއަށް ނުދިއުމަށާއި ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އޮފީސްތައް ބަންދުކޮށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް އެދޭ ކަމަށެވެ.
މިރެއިން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެއެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
ސްކޫލުތަކާއި ކޮލެޖްތަކާއި ޓިއުޝަން ކްލާސްތަކާއި ގުރުއާން ކުލާސްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ. އަދި ކްލާސްތައް އޮންލައިންކޮށް ގެންދިއުމަށް ވަނީ އަންގައިފައެވެ.
ގާޑިޔާތައްވެސް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވުން މަނާކޮށް، ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.
ކައުންސިލުން ވަނީ ސެލޫންތަކާއި ޖިމްތައްވެސް ބަންދުކުރުމަށް ނިންމައިފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ފިހާރަތަކަށް ވަނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނުވެއްދުމަށާއި ޓެކްސީ ކުރާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
ކައުންސިލުން ބުނީ ފިޔަވަޅުތަކަށް އަމަލު ނުކުރާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާންމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށާއި އެހެންކަމުން ފުވައްމުލަކު ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު