އައްޑޫ ސިޓީ، ހިތަދޫ ކްލަސްޓާއާ ގުޅުންހުރި އިތުރު މީހަކު ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވިގެން ތިނަދޫން މީގެ ކުރިން ނެގި ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހާ ޕޮޒިޓިވްވީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެމީހާގެ ކޮންޓެކްޓެއްވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ތިނަދޫން ޕޮޒިޓިވް ކޭހެއް ފެނުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ލައި، ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ އިރު، ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންވެސް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާ ޕޮޒިޓިވްވީ އިއްޔެއެވެ.

ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލުން ބުނީ ހިތަދޫ ކްލަސްޓާއާ ގުޅިގެން އެރަށުން މީގެ ކުރިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ތެރެއިން އިތުރު ދެ މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު މިހާރު ތިނަދޫގައި ކޮވިޑްގެ އެކްޓިވް ހަތަރު ކޭސް އެބައުޅެއެވެ.

ތިނަދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފިއެވެ. އެގޮތުން އެރަށުގެ ސައިހޮޓާތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 ގައި ބަންދުކޮށް، ފިހާރަތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދު ކުރަން ވަނީ އަންގައިފައެވެ. އަދި ކަސްރަތު ކްލާސްތަކާއި ޖިމާއި ދުވާ ޓްރެކް އަދި ހުރިހާ ކުޅިވަރު ކޯޓުތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި ފަރުމަސްވެރިކަމާއި ކަނޑުމަސްވެރިކަމަށްވެސް ނުކުމެވޭނީ ކައުންސިލާ ވެވޭ ހާއްސަ އިގުރާރެއްގެ ދަށުންނެވެ.

ތިނަދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވާ އިރު، އެރަށުގެ ޕާކުތަކާއި ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ޓިއުޝަން އަދި ގުރުއާން ކްލާސްތައްވެސް ވަނީ ބަންދުކޮށް، ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގައިފައެވެ.