ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އައްޑޫ ސިޓީގައި ކާފިއު ހިންގަން ނިންމައިފިއެވެ.
އައްޑޫ އިން މިހާތަނަށް 48 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހިތަދޫން 22 މީހަކާއި ހުޅުމީދޫން 26 މީހެކެވެ. މި ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރެއްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމުގައި ބުނީ މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.
އައްޑޫގައި ކާފިއު އިއުލާންކުރުމާއެކު އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމައިފައެވެ. އެގޮތުން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދެވޭނެއެވެ.
އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަންވެސް ބަންދުކުރަން ވަނީ އަންގައިފައެވެ. އަދި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލުތައް ބަންދު ކުރުމަށާއި، ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތައްވެސް ބަންދުކުރުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެއެވެ.
ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް އެޗްޕޯީއޭ އިން ވަނީ އަންގައިފައެވެ. އަދި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުންވެސް ގައިޑްލައިނަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އައްޑޫގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ އިރު، އިސްލާމިކް މިނިސްޓްރީން ވަނީ އައްޑޫގައި މިރޭ ފަތިސް ނަމާދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު