ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި މަރުވި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ ރޭ މަރުވި ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓެމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ރޭ 11:00 ހާއިރު ހިންގި އެ މާރާމާރީގައި މަރުވެފައިވަނީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔުއެވެ. އޭނާ މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފައެވެ.

މާމެންދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީތައް ފެށިގެން ދިޔައީ މީގެ އަހަރެއްހާ ދުވަސް ކުރީން، އަންހެނަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. ރޭވެސް އެ މައްސަލައިގައި ދެ މާރާމާރީއެއް ހިންގި ކަމަށާއި އެންމެ ފަހުން ހިންގި މާރާމާރީ ވެގެންދިޔައީ އުދައްޔު މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނު މާރާމާރީއަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިން ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ.

އެ މާރާމާރީގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގުކުރަމުން އަންނަނީ އެރަށަށް ހާއްސަ ޓީމެއް ފޮނުވައިގެންނެވެ.