އައްޑޫ ސިޓީގައި ފެތުރެމުންދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫގެ ދެ ކްލަސްޓާއަކުން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ ވަނީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އައްޑޫން މިހާތަނަށް 48 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ހުޅުމީދޫ ކްލަސްޓާއިން 25 ބިދޭސީއަކު ޕޮޒިޓިވްވެފައިވާ އިރު، އައްޑޫގެ ގުޅިފައިވާ ރަށްތަކުން 18 ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެ ސިޓީގައި ކުރެވެމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯބެ ވިދާޅުވީ އައްޑޫގައި ފެތުރެމުންދަނީ ކޮވިޑުގެ އާ ވޭރިއަންޓް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހޮސްޕިޓަލުންވެސް ފާހަގަކޮށްފައިވާ ކަމަށާއި އާ ވޭރިއަންޓްގެ ސަބަބުން އައްޑޫގައި ވަރަށް ބޮޑަށް ބަލި ފެތުރެމުންދާ ކަމަށެވެ. އަދި އައްޑޫގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ އެކަމާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
"ގުޅިފައިވާ ރަށްތަކުގެ ދެވަނަ ކްލަސްޓާގައި ފާހަގަވެގެން މިދާ ކޭސްތަކަށް ބަލާއިރު، ހޮސްޕިޓަލުންވެސް އަދި ޕަބްލިކް ހެލްތުންވެސް ފާހަގަ މިކުރަނީ ތަފާތު ވޭރިއެންޓެއް ވީމާ ތަފާތު ސްޓްރެއިނެއް ވީމާ ފެތުރުމުގެ ޗާންސެސް ވަރަށް ބޮޑޭ، ވަރަށް ބޮޑަށް ތަފާތު އެބަހުއްޓޭ އެހެންވީމާ ވަރަށް ބޮޑަށް ފެތުރޭ ކަމަށް ބެލެވޭ. އެހެންވީމަ މިހާ ބޮޑަށް ފިޔަވަޅުތައް އަޅަން މި ޖެހުނީ،" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫގެ ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް، ހަމައެކަނި ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަންގާފައިވާ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން ގާޑިޔާތަކާއި ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް މިހާރު އަންގާފައިވާ ކަމަށާއި އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުމަށްވެސް އިލްތިމާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފިހާރަތަކަށްވެސް ވަކި އަދަދަކަށްވުރެ ގިނަ މީހުން ނުވެއްދުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ އެއްވެސް މީހަކު ނެތް ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހިސާބަށް ހިނގައްޖެނަމަ ހޮސްޕިޓަލް ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ ބަލި ފެތުރިގެން އައިސްފައިވަނީ ޓްރޭނިން ތެރެއިންކަން އެއީ އެންމެންނަށް ވެސް މިހާރު އެނގޭ ކަމެއް ކަމަށާއި މި ބަލި އައްޑޫ އަށް އައި ގޮތް ބަލައި ތަހުގީގު ކުރަންޖެހޭ ފަރާތްތަކުން އެކަން ކުރަމުން އަންނަ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އައްޑޫއަށް ބަލި ފެތުރުނީ އޭވިއޭޝަން ކޮމާންޑުގެ ޓްރޭނިންގެ ތެރެއިން ކަމަށް ދެކެވޭ ވާހަކަތައް އެ އިދާރާއިން ވަނީ ދޮގުކޮށްފައެވެ.
"ކައުންސިލްގެ އަދި މިތަނުގެ ޓާސްކް ފޯހުގެ މެންޑޭޓުގައި އޮތް ކަމެއް ނޫން އެކަން ތަހުގީގު ކުރުމަކީ. އަޅުގަނޑު ދެކެނީ އެކަން ކުރަންޖެހޭ ފަރާތްތަކުން އެކަން ކުރަމުންދާނެ ކަމަށް." ސޯބެ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު