އިސްލާމް ދީނުގައި މިޔުޒިކަކީ ހަރާމް އެއްޗެއްކަމަށް ދީނީ އިލްމުވެރިންނަށް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ޒުވާނުން އެކަކު އަނެކަކާ ބައްދަލުކޮށް، ހީ ސަމާސާކޮށް މަޖާކޮށްލާނެ މަރުކަޒެއް ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ގަރާރަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވި ގަރާރެކެވެ.

މިގަރާރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރޮކް މިޔުޒިކަކީ ހަރާމް އެއްޗެއްކަމާާއި އެ މިޔުޒިކް މަނާ ކުރަން ޖެހޭނެ ކަމަށް ބުނެ ދީނީ އިލްމުވެރިޔަކު ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއީ ދެއްކޭނެ ވާހަކައެއްނޫން ކަމަށާއި، މިޔުޒިކަކީ މަނާ އެއްޗެއްކަމަށް ދީނީ އިލްމުވެރިއަކަށް ނުބުނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެ ވާހަކަ ތަކަކީ އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ބަޔަކު ކުރާކަމެއް ކަމަށެވެ. އަދި އެއީ މިޔުޒިކު ކުޅޭ ފަރާތްތަކާ ދެކޮޅަށް ހިންގާ އެންޓި ކެމްޕެއިނެއް ކަމަށާއި، އެކަމަށް ދައުލަތުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.