އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރުގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޑރ. މުހައްމަދު ޒާހިރު އީސީގެ މެންބަރުކަމަށް އައްޔަން ކުރުމާބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު، އިއްވެވުމުން، އެ ނަން ދިރާސާކުރަން ކޮމިޓީއަށް ފޮނުއްވެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ނިންމާފައިވަނީ ކުރިން އެކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން އަކުރަމް އިސްތިއުފާ ދެއްވީ އޭނާ އާއި ދެކޮޅަށް ހުށަހެޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި، އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ޑރ. މުހައްމަދު ޒާހިރަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެންބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުނެވެ.