ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޕްރީ ބިޑް މީޓިން މިމަހުގެ 14 ވަނަ ދުވަހުގެ 13:00 ގައި މިނިސްޓްރީގައި އޮންނާނެ ކަމަށާއި މި މީޓިންގައި ބިޑާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ ކަމަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވެސް އިސްލާމިކް މިނިސްތްރީން ވަނީ އަންގާފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަން އިއުލާން ކުރި އިރު އެތާނގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު