ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ނަންބަރު ނަގައިގެން ވެކްސިން ޖެހޭނެ ގޮތަށް ސޯޝަލް ސެންޓަރުގައި ކިޔޫ ސިސްޓަމް ގާއިމުކޮށްފި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފުރަތަމަ ފެށީ އެކަމަށް ހާއްސަ ޕޯޓަލްގައި ރެޖިސްޓްރީ ކޮށްގެން، އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ޕޯޓަލްގައި ރެޖިސްޓްރީނުކޮށް ވެކްސިނޭޝަން ސެންޓަރުތަކަށް ދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެ ފަރާތްތަކަށްވެސް ވެކްސިން ދެމުން އަންނަ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލޭ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ވެކްސިން ޖަހަން ދަނީ ސޯޝަން ސެންޓަރަށް ކަމަށާއި، އެހެންވެ އެ ސެންޓަރުގައި މިހާރު ކިޔޫ ސިސްޓަމެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

"ކިޔޫ ނަންބަރު ނަގައިގެން ވެކްސިން ޖަހަން މަޑުކުރެވޭނެ މިއަދުގެ ފަހުން،" ޑރ. ނަޒްލާ ރޭ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހަ ވެކްސިނޭޝަން ސެންޓަރު ހުންނައިރު، އަތޮޅުތަކުގައި 14 ވެކްސިނޭޝަން ސެންޓަރު އެބަހުއްޓެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި 9752 މީހަކު ކޮވީޝީލްޑް ވެކްސިން ޖަހާފައިވާއިރު، ވެކްސިން ޖެހި އެއްވެސް މީހަކަށް ސީރިއަސް ސައިޑް އިފެކްޓްތަކެއް ކުރިމަތިވެފައެއް ނުވެއެވެ. ނަމަވެސް ބައެއް މީހުން ހުން އައުމާއި ގައިގައި ރިއްސުމާއި ކަރުތެރެޔަށް ތަދުވުން ފަދަ އާއްމު މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.

އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.

މިދިޔަ ހޯމަ ދުވަހު ވެކްސިން ދިނުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް ބަލިން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މި ހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް