ހިޔާ މަޝްރޫއުގެ ކެޓަގަރީތައް ދިރާސާކުރުމަށްފަހު ފްލެޓް ކޮމެޓީން ނެރެފައިވާ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބު ލިބިފައިނުވާނަމަ އެކަން އަންގަން އެދެފިއެވެ.

ފްލެޓް ކޮމެޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ކެޓަގަރީތައް ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާއެއް ދިރާސާކޮށް ޝަކުވާގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކަށް އީމެއިލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވާނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކޮމެޓީން ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅާފައިވާ އެއްވެސް މީހަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް މާދަމާގެ މެންދުރު ފަހު 3:00ގެ ކުރިން އެންގުމަށް އެދިފައެވެ.

އެހެންކަމުން ޝަކުވާ ހުށަހެޅި އެއްވެސް މީހަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، މާދަމާ، 15:00ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކޮށްދިނުމަށް އެދޭ ކަމަށް އެ ކޮމިޓީން ބުންޏެވެ.

މިހާތަނަށް ވަގުތީ ލިސްޓު އިއުލާނުކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓެގަރީގެއެވެ.