ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ފެށި "ކޮވިޑް-19 ދިފާއު" ކެމްޕެއިނަށް އެސްޓީއޯއިން ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެއީ ރާއްޖޭގައި މިހާރު އިތުރުވަމުން އަންނަ ކޮވިޑް ކޭސްތައް އިތުރުވުން ހުއްޓުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށެވެ.
އެތަކެތީގެ ސަބަބުން ކޮވިޑް 19 އިތުރުވުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ޖެހުން އިތުރު ވަމުން އަންނައިރު އެ ބަލީގައި މިއަދުވެސް ވަނީ އިތުރު މީހަކު މަރުވެފައެވެ. އެއާއެކު ކޮވިޑުގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިވަނީ 55 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 11:07 ގައި އުމުރުން 60 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން އަންނަނިކޮށް ކަމަށާއި އެއީ ރާއްޖެއިން މަރުވި 55 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 48 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު