ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ދުވާލަކު 25 ވަރަކަށް ކެންޑިޑޭޓުން ދަނީ ނަން ނަގަން ހުށަހަޅަމުން: ޝަރީފް

އިބްރާހިމް ޒަކީ

އަން އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބާއްވަން ކަނޑައަޅާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ދުވާލަކަށް 20 ނުވަތަ 25 ވަރަކަށް މީހުންގެ ރޭޓުން ނަން ނެގުމަށް އެދި ހުށަހަޅަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކެންޑިޑޭޓުންގެ ނަން ނެގުމުގެ އެންމެ ފަހު ތާރީހަކީ މިމަހުުގެ 11 ކަމަށް އިއުލާން ކުރުމާ ގުޅިގެން ނަން ނެގުމަށް އެދި ފޯމު ހުށަހަޅާ ކެނޑިޑޭޓުންގެ އަދަދު އެހާ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ އަދަދު އިތުރަށް މައްޗަށް އަރާނެކަމަށް ލަފާ ކުރެއްވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ނަން ނެގުމަށް އެދި ގިނައިން ހުށަހަޅަނީ އިންތިހާބުގައި ވާދަކުރަން ހުށަހަޅާފައިވާ ސިވިލްސާވިސް މުވައްޒަފުން ކަމަށެވެ. އެފަރާތްތަކުން ނަން ނަގަނީ އިންތިހާބު ބޭއްވުން ލަސްވެ ދިގުދެމިގެން ދާއިރު ވަޒީފާއިން އަންނަ ސަސްޕެންޝަންގެ މުއްދަތު އިތުރުވެ އާމްދަނީގެ މައްސަލަތައް ދިމާވެދާނެތީ ކަމަށް ބެލެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރީފް ވިދާޅުވީ އެ ފަރާތްތަކަށް އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުން ގޮތެއް ހަމަޖައްސައި ދޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށްފަހު އެއީ އިންތިހާބުގެ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ހިނދުން ފެށިގެން އިންތިހާބުގައި ވާދަކުރާ ސިވިލްސާވަންޓުން ވަޒީފާއިން ސަސްޕެންޑް ވާނެއެވެ. އޭގެތެރެއިިން އިންތިހާބު ކާމިޔާބު ނުވާ މީހުންގެ ސަސްޕެންޝަން ރުޖޫއަ ވާނީ އިންތިހާބު ބާއްވައި ނިމުމަށްފަހުގައެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އިންތިހާބު ފަސްކުރަން ޖެހުމުން މީގެ ކުރިންވެސް، މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސް ސިވިލްސާވަންޓުންގެ ސަސްޕެންޝަން އުވާލިއެވެ.