ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އިންތިހާބު ބާއްވަން މިހާރު 50 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ: ޝަރީފް

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބާއްވަން މިޔހާރު 50 މިލިޔަނަށްވުރެ ގުިނަ ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ދެންމެ ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ގައުމި ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިާބުގެ ކަންކަން ބިނާވެފައި އޮންނަނީ، އެ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ) އިިން ނެރެފައިވާ ގައިޑްލައިންގެ މައްޗަށް ކަމަށެވެ.

އެ ގައިޑްލައިން ނެރުމުގެ ކުރިން ގައިޑްލައިންގައި ހިމެނޭނެ ކަންތައްތަކަށް ބަލައި، ގައިޑްލައިންގެ ދަށުން އިންތިހާބު ބޭއްވުމަށް ހަރަދުވާނެ ކަމަށް އޭރު އަންދާޒާކުރި އަދަދަށްވުރެ ބޮޑު އަދަދެއް، މިހާރު ގެޒެޓް ކޮށްފައިވާ ގައިޑްލައިންގެ ދަށުން ބާއްވާ ނަމަ ހަރަދުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެޒެޓްކޮށް ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އީސީގެ ސެކްޝަން ހެޑުންނާ ކުރެއްވި މަޝްވަރާގެ ތެރެއިން އެކަމަށް ތަފްސީލީ ބަޖެޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެ ބަޖެޓުގެ ތަފްސީލް އެ ފަރާތްތަކުން އަދި ދީފައި ނުވި ނަމަވެސް، އެކަމަށް 50 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިއަދު ވިދާޅުވީ މިހާރު ގެޒެޓް ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށާއި، އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ނަމަވެސް ޝރީފް ވިދާޅުވީ އިންތިހާބު ލަސްކުރުމުގެ އެއްވެސް ވިސްނުމެއް އިސީގެ ނެތް ކަމަށާއި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަ ކަމަށެވެ.