ގދ. ގައްދޫ ކުރިމަތީގައި އޮންނަ "ލޮނަދޫ ހުއްޓާ" އަށް ދަތުރުގޮސް އުޅެނިކޮށް ގައިމައްޗަށް ސީލިންގެއް ވެއްޓި އަނިޔާވި ކުއްޖާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ސީލިންގެއް ގައިމައްޗަށް ވެއްޓި އަނިޔާވެފައިވަނީ ގައްދޫ، ނޫތަރި، މުހައްމަދު ފިރުޝާން، 17އ، އެވެ.

ގައްދޫ ކައުންސިލް މެންބަރު އަދި ފިރުޝާންގެ ބޭބެ، މުހައްމަދު ލަބީބު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފިރުޝާނަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދިވެސް ހާލު ސީރިއަސް ކަމަށާއި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށެވެ. އަދި ފަޔަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

ލަބީބު ވިދާޅުވީ ފިރުޝާންގެ ބޮލަށާއި ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އިތުރު އޮޕަރޭޝަންތަކެއް ކުރުމަށް މިއަދު ހެނދުނު 6:00 ޖެހި އިރު އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާ ކަމަށާއި އަދި އޮޕަރޭޝަން ނުނިމޭ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ބިންދައިގެން ގޮސްފައި ހުރުމުގެ ސަބަބުން އިއްޔެ ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވެސް ވަނީ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.

"މިއަދު ހެނދުނު ގާތްގަނޑަކަށް 6:00 ޖެހި އިރު އޭނާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދީ. އަދިވެސް ނުނެރޭ. ބޮލުގެ ނާށިގަނޑު ފަޅައިގެން ސިކުނޑިއަށް ލޭއެޅިފަ ހުރީ. ފައިގެ ނާރަކުން ލޭ ނުހިނގާތީ އެކަމުގަވެސް އޮޕަރޭޝަނެއް ކުރާނެ. ފައިގެ ފަލަމަސްގަނޑާ ދިމާލުންވެސް ބިންދައިގެންގޮސްފަ ހުރީ. ފައިގެ ކުޑަހުޅުވެސް ބިނދިފަ. ހަށިގަނޑުގެ އެކި ތަންތާނގަ ފްރެކްޗާސްތައް އެބަހުރި." އޭނާ ވިދާޅުވި އެވެ.

ލަބީބު ވިދާޅުވީ މި ވަގުތުވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާގެ ހާލަތާމެދު އިތުރަށް އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އޮޕަރޭޝަނަށްފަހުގައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މީގެ 12 އަހަރު ކުރިން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައި ފަޅު ރަށަށް ދަތުރު ގޮސް އުޅެނިކޮށް މި ހާދިސާ ހިނގީ، އަރި އަޅާލާފައި އޮތް ބިއްގަނޑެއް ވައްޓާލުމަށް ތަނބެއް ހަލާކުކޮށްލަން އުޅުމުގެ ތެރޭގައި ކަމަށް ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި އެހެން ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް މީގެ ކުރިން ވަން އަށް މައުލޫމާތު ދެމުން ގައްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.