ޚަބަރު

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު

ރިފާ ހަލީލު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދުން ފެށިގެން މާސްކް އެޅުން މަޖުބޫރު ވާނެ އެވެ.

ކޮވިޑު ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން މި ނިންމުން ނިންމާފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވާ ވާ ގޮތަށް މާސްކު އަޅަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ވަކި ހާލަތްތަކުގައިވާ ފަރާތްތައް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.

މާސްކް އެޅުމުން އިސްތިސްނާވާ މީހުން

  • އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން
  • ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު
  • އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތައް ހިދުމަތް ހޯދާ ވަގުތު

ރާއްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ކުރިން ލުއި ދީފައިވާ ބައެއް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފަ އެވެ. އެގޮތުން ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް ދުއްވާ އެއްޗިހި ދުއްވުން ވަނީ މަނާ ކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 ކަފިއު ގަޑި ވަނީ އިތުރު ކޮށްފަ އެވެ.