ޚަބަރު

ނެޓް ޒީރޯ އެމިޝަންގެ އަމާޒަށް ޔޫކޭއިން މަރުހަބާ ކިޔައިފި

ދެހާސް ތިރީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ދެހާސް ތިރީސްވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓް ޒީރޯ ގައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަމާޒެކެވެ.

އެގައުމުން މިކަމަށް މަރުހަބާ ކިޔާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ. ގެ ކަންތައްތަކާ ބެހޭ މިނިސްޓަރު ލޯޑް އަހުމަދު ތޯރިގުއާއެކު މިދިޔަ ބުރާސްފަތި ދުވަހު ވާޗުއަލްކޮށް ކުރެއްވި މަޝްވަރާތަކުގައެވެ.

އެ މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް26 ސަމިޓާ ގުޅޭގޮތުންނާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ރާއްޖޭން ނެޓް ޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސް ސާލިހް އިއުލާން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އދ. އިން އިންތިޒާމު ކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ނެޓް ޒީރޯ އެމިޝަނަށް ރާއްޖެއިން ވާސިލުވުމަށް ކުރާ ދަތުރުގެ ސަބަބުން ގައުމުގެ އިގުތިސޯދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.