މެންޗެސްޓާ ސިޓީގެ ކޭމްޕް ތެރޭގައި ކޮވިޑް 19 ފެތުރުމުގެ ސަބަބުން ކްލަބުގެ ކުޅުންތެރިންނަށް އިތުރު ރެސްޓެއް ލިބުނު ކަމަށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނި ބުނުމަށް ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފިއެވެ.

ސިޓީގެ ޓީމު ތެރެއިން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނި، އެޓީމުގެ މެޗެއް ކެންސަލް ކުރުމުގެ އިތުރުން ދެ ހަފްތާއެއްހާ ދުވަސް ވަންދެން ކްލަބުގެ ތަމްރީނު މަރުކަޒުވެސް ވަނީ ބަންދު ކޮށްފައެވެ. އެޓީމަށް ރެސްޓެއް ލިބުނު ނަމަވެސް، އެ ކޭސްތަކުގެ ސަބަބުން ގާޑިއޯލާ ކުޅެން ޖެހުނީ ގިނަ ކުޅުންތެރިން ނުލައެވެ. މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ގެބްރިއަލް ޖީސަސް އާއި ކައިލް ވޯކާ، އަދި ސާޖިއޯ އަގުއޭރޯވެސް ނުލައި ސިޓީން މެޗުތައް ކުޅެން ޖެހިފައިވާއިރު، ކްލޮޕް ފާހަގަ ކުރީ ސިޓީން ފޯމް ރަނގަޅު ކުރީ ރެސްޓެއް ލިބުމުން ކަމަށެވެ.

ސިޓީން ބޮކްސިން ޑޭ ގައި ނިއުކާސަލްއާ ކުޅުނު ފަހުން ހަތް ދުވަހަށްފަހު ޗެލްސީއާ ދެކޮޅަށް ކުޅުނީ ސްކޮޑުގެ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. އެ ބްރޭކަށް ކްލޮޕް ފާޑު ކިޔާފައިވާއިރު، ގާޑިއޯލާ ބުނެފައި ވަނީ އެފަދަ ފާޑު ކިޔުމެއް ސިޓީއަށް އަމާޒުކޮށް ކްލޮޕް ހެދީ ގޯހެއް ކަމަށެވެ.

"ކްލޮޕް ހެދީ ގޯހެއް. ދެ ހަފްތާއެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެހެން ބުނަންޏާ ބުނެވިދާނެ ދެ މަހޭ، ތިން މަހޭ، ހަތަރު މަހޭވެސް. އެހެންވެގެންނޭ ސިޓީ އެއްވަނައިގައި އޮތީ. ކްލޮޕް ރަނގަޅަށް ކަލަންޑަރު ބަލައިލީމަ ފެންނާނެ. ސިޓީއަށް ލިބުނީ އެއް ހަފުތާ. ދެން ބަލާލާ!... ސިޓީން ޗެލްސީއާ ދެކޮޅަށް ކުޅުނީ އެންމެ 14 ކުޅުންތެރިން ސްކޮޑުގައި ތިއްބާ. ކްލޮޕް ފެނުނީމަ އަހަންވެސް އަހާނަން. އަހަރެން ހައިރާންވި އަސްލު ކްލޮޕް އެކަހަލަ ވާހަކައެއް ދެއްކީމަ. ކްލޮޕް ފަދަ އިހުތިރާމް ކުރާ ކޯޗެއްގެ ފަރާތުން އެކަހަލަ ކޫސަނި ވާހަކައެއް އަންނާނެ ކަމަށް ގަބޫލެއްވެސް ނުކުރަން،" ގާޑިއޯލާ ބުނެފައިވެއެވެ.

ސިޓީން ލިވަޕޫލާ ދެކޮޅަށް މާދަމާ ރޭ ނުކުންނައިރު، އެޓީމުން ލިވަޕޫލް ބަލިކޮށްފި ނަމަ، ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށް، އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލަށްވުރެ 10 ޕޮއިންޓް ކުރިއަށް ޖެހިލެވޭނެއެވެ. ސިޓީން ޖެހިޖެހިގެން 13 މެޗުން މޮޅުވެފައިވާއިރު، އޭގެ ތެރެއިން 11 މެޗުގައި ކްލީންޝީޓްވެސް ދަމަހައްޓާފައިވެއެވެ. ރަނގަޅު ފޯމެއްގައި ސިޓީ އޮތްއިރު، މިވަގުތު ލިވަޕޫލް އޮތީ އުނދަގޫ ހާލަތެއްގައެވެ.

ލިވަޕޫލްގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި އިރު، އެޓީމުގެ ފޯމް ފެންނަނީ ދަށްކޮށެވެ. އެތައް ދުވަހެއް ވަންދެން ހޯމް މެޗެއްގައި ބަލި ނުވެ އޮތުމަށްފަހު އެންމެފަހުން ހޯމްގައި ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.